ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށްވެސް މޫސުން ގޯސް


  • މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުން ފެށިގެން

  • މިހާރު މި ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށާއި، ވަކިން ހާއްސަކޮށް ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނޭކަމަށެވެ. އެގޮތުން، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވީ، ބުދަ އަދި ބުރާސްފަތި ދުވަހު ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.

މީގެ އިތުރުން، ޢާންމުގޮތެއްގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާ 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ވުމާއެކު، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ.

ރާއްޖެއަށް މިހާރު މި ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެެވެ. އެހެންކަމުން، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.