ފުރަތަމަ ފަހަރަށް ފުލުހުންނާއި ސިފައިންނާ އެއް ފުރާޅެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި އެކަމަށްޓަކައި ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.
ފުރަތަމަ ފަހަރަށް ފުލުހުންނާއި ސިފައިންނާ އެއް ފުރާޅެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާފައިވާއިރު މީގެ ކުރިން މި ދެ އިދާރާއާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަނީ ވަކިވަކިންނެވެ.
ސިފައިންނާއި ފުލުހުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިފައިންނާއި ފުލުހުން ވަކިވަކިން ވަނީ ޢަޒުމް އައު ކުރައްވާފައެވެ. މިގޮތުން ސިފައިންނަށް ޢަޒުމް އައު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ފުލުހުންނަށް އަޒުމް އައު ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ.
މި ރަސްމއިްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ މެޑަލް 6 ބޭފުޅަކަށް ވަނީ އަރުއްވާފައެވެ. އަދި ސިފައިންގެ ތެރެއިން ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް 2 ބޭފުޅަކަށް އަރުއްވާފައިވާއިރު، ސިފައިންނާއި ފުލުހުންގެ މަތިވެރި ޚިދުމަތުގެ މެޑަލް 11 ބޭފުޅަކަށް ވަނީ ދެއްވާފައެވެ.
ސަރުކާރުން އަންނަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ސިފައިންގެ ޚިދުމަތް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ސިފައިންނަށާއި ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ހޯއްދަވައިދެއްވުމަށާއި މީހުން ތަމްރީންކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.