ކުޅިވަރު

ކާވާ ޗެމްޕިއަންސް ލީގު: ސިފައިން ފަސްވަނައިގައި މުބާރަތް ނިންމާލައިފި


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި ދިވެހިން ސިފައިންގެ ކުލަބުން ކުޅުނު ފަހު މެޗުގައި ކުލަބު އެޗްޑީސީ ބަލިކޮށް، މުބާރާތުގެ ފަސްވަނަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ކުޅުނު މެޗު ވާދެވެރި ކުޅުމަކަށް ފަހު ސިފައިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ސިފައިން ކާމިޔާބު ކުރީ 25-22 އިންނެވެ. ޖެހިގެންއައި ސެޓް އެޗްޑީސީ ކާމިޔާބު ކުރީ 25-23 އިންނެވެ.

މެޗުގެ ތިންވަނަ ސެޓު އަނެއްކާވެސް ސިފައިންގެ ޓީމުން ގެންދިޔައީ 25-19 އންނެވެ. ހަމަ މި ނަތިޖީއިން ޖެހިގެންއައި ސެޓު އެޗްޑީސީން ކާމިޔާބު ކުރުމާއެކު މެޗުގެ ފޯރިގަދަވެގެން ދިޔައެވެ.

ނަތިޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ދިވެހި ސިފައިންގެ ކުލަބުން ކުރި ހޯދީ 16-14 އިންނެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ ކިރިގިސްތާންގެ ބިޝްކެކް އާއި ކަޒަކިސްތާންގެ ޒައިކް އެވެ.

ބިޝްކެކަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބުނީ މުބާރާތުގައި މޮޅުވި ސެޓްގެ އަދަދު އިންސައްތައިން އިތުރުވެފަވާތީވެ. މި ދެޓީމު ކުޅޭ ފައިނަލް އޮންނީ މާދަމާރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.