ދިވެހިރާއްޖެއަކީ ފަޚުރުވެރި ތާރީޚަކާއި މުއްސަނދި ސަޤާފަތެއް އޮތް ޒަމާންވީ ޤައުމެކެވެ. ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް އަޅުގަނޑުމެން ތައްޔާރުވަމުންދާއިރު، ދިވެހި ދައުލަތުގެ ހައިބަތާއި، ދިވެހި ހަޟާރަތުގެ ވަރުގަދަކަން މިއީ މިހާރުގެ ޖީލަށް އަންގައިދޭންޖެހޭ ކަންކަމެވެ.
މިނިވަން 60 އަށް ޚާއްސަކޮށްގެން ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރާ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީއަކީ މިދެންނެވި މުހިންމު ކަންކަން ވަރަށް ޢިލްމީ އަދި ތާރީޚީ ނަޒަރަކުން ތަފްސީލުކޮށްދޭނެ މުހިންމު ޑޮކިއުމެންޓްރީއެވެ.
"މިނިވަން ދިވެހިރާއްޖެ" މި ޑޮކިއުމެންޓްރީއަކީ ދިވެހިން މިނިވަންކަމަށް ކުރި ދަތުރުގެ މުހިންމު ހަނދާންތަކަކާއި، އެ ދުވަސްވަރު ހިނގާދިޔަ މުހިންމު ޙާދިސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ އަދި ތާރީޚީ ނަޒަރަކުން މުހިންމު ވާހަކަތަކަކާއި މަޢުލޫމާތުތަކެއް ހިމަނައިގެން ގެނެސްދޭ ޑޮކިއުމެންޓްރީއެކެވެ.
މި ޑޮކިއުމެންޓްރީ އުފެއްދުމުގައި ޕީ.އެސް.އެމް ނިއުސްއިން އިސްނެގިނަމަވެސް، މި ޑޮކިއުމެންޓްރީ އާންމުންނާ ހަމައަށް ގެނެސް މިދެވެނީ ޚާރިޖީ ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާ އަދި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައެވެ. އެއްގަޑިއިރުގެ މި ޑޮކިއުމެންޓްރީ އޮން-އެއަރކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު 14:30 ގައެވެ.
މި ޑޮކިއުމެންޓްރީގައި ދިވެހިން އިނގިރޭސީންގެ ހިމާޔަތުން ވީއްލި، ފުރިހަމަ މިނިވަން ޤައުމަކަށްވުމަށް ކުރި ދަތުރުގެ މުހިންމު ހަނދާންތަކަކާއި ވާހަކަތައް ވަރަށް ތަފްޞީލުކޮށް ގެނެސްދެވޭނެއެވެ.
އެގޮތުން 1887 ވަނަ އަހަރު ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދާންޖެހުނު ސަބަބުތަކާއި، އެކަމުގެ ވަށައިގެން ތާރީޚީގޮތުން ހިނގާދިޔަ މުހިންމު ކަންކަން ގެނެސްދެވޭނެއެވެ. އަދި ދިވެހިންގެ އޭރުގެ ދިރިއުޅުމުގެ ޙާލަތާއި، ތާރީޚީގޮތުން އެނގެންހުރި މުހިންމު ކަންކަމުގެ މައްޗަށް މި ޑޮކިއުމެންޓްރީގައި ބަލާލެވޭނެއެވެ.
މި ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީ.އެސްއެމްގެ ޑެޕިއުޓީ ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް، އަޙްމަދު ޖަދުޢާން ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚަށްޓަކާ ކުރެވޭ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްކަމަށެވެ.
އެގޮތުން މި ޑޮކިއުމެންޓްރީގައި އިނގިރޭސީންގެ ހިމާޔަތުން ވީއްލުމަށް ދިވެހިންގެ ތެރޭގައި މިނިވަންކަމުގެ ރޫޙު އުފެދިގެން އައިގޮތާއި، އެކަމުގައި އިސް ސަފުގައި މަސައްކަތްކުރެއްވި މުހިންމު ބޭބޭފުޅުންގެ ދައުރާއި މަސައްކަތްޕުޅުތައް، އެކިއެކި ދިރާސާތަކުގެ ހޯދުންތަކާއި، ތާރީޚު ދިރާސާކުރައްވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް ގެނެސްދެވޭނެކަން ޖަދުޢާން ފާހަގަކުރެއްވިއެވެ. އަދި މި ޑޮކިއުމެންޓްރީގައި މިނިވަންކަމާ ގުޅޭގޮތުން މީގެކުރިން ދެކެވިފައިނުވާ ވާހަކަތައްވެސް ތަފްސީލުކޮށްދީފައިވާނެކަމަށް ޖަދުޢާން ވިދާޅުވިއެވެ.
"މިސާލަކަށް ދަންނަވާނަމަ އަބަދުވެސް މިނިވަން ދުވަހު މިނިވަންކަމުގެ ވާހަކަދައްކާއިރު އަޅުގަނޑުމެންނަށް އަބަދުވެސް އިވޭނީ ކުރީގެ ރައީސް ނާޞިރުގެ ވާހަކަ. އެހެން އެއްވެސް ވެރިއެއްގެ ވާހަކައެއް އަޑެއް ނިވޭނެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ އަޅުގަނޑުމެން މިނިވަންވީއިރުގައި ރާއްޖޭގައި އޮތީ ރަސްކަމެއް. ރާއްޖޭގައި ކީރިތި މަހާރަދުން އަލްސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް އެއީ އަޅުގަނޑުމެންގެ ރަސްގެފާނު. އާންމު އުޞޫލެއްގެގޮތުން ޤައުމަކަށް އެވަރުގެ ބޮޑު ޝަރަފެއް ލިބޭއިރުގައި އޭގެ ކްރެޑިޓް ލިބޭނެ އެންމެ ޚާއްސަ އެއްބޭފުޅަކީ އެ ޤައުމެއްގެ އެންމެ އިސްވެރިޔާ. އެގޮތުން އަޅުގަނޑުމެން ހަޤީޤަތުގައި ފާހަގަކުރަންޖެހޭ އެރަދުންގެ ނަންފުޅު." ޖަދުޢާން ވިދާޅުވިއެވެ.
މި ޑޮކިއުމެންޓްރީގެ އެންމެ ޚާއްސަ އެއްކަމަކީ، ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ކަނޑައެޅުނު އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީޚީ ތަންކަމަށްވާ އަވަށްޓެރި ލަންކާގެ ކޮލަމްބޯގައި ހިނގާދިޔަ ބައެއް މުހިންމު ކަންކަންވެސް ގެނެސްދެވޭކަމެވެ.
މިގޮތުން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚީ މާލަން 60 އަހަރަށްފަހު މިހާރު ހުރިގޮތުގެ މަންޒަރުތަކާއި އެތަނުގެ މަޢުލޫމާތުތައްވެސް މި ޑޮކިއުމެންޓްރީގައި ގެނެސްދެވޭނެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްޓީމުން ތައްޔާރުކޮށް ގެނެސްދޭ މި ޑޮކިއުމެންޓްރީގެ އެންމެ ބޮޑު ބޭނުމަކީ ފުރިހަމަ މިނިވަންކަން ހޯދުމަށް ދިވެހިން ކުރި ދަތުރު ހަނދާނާއި ތާރީޚަށްޓަކާ ރައްކާކޮށް، މިހާރުގެ ޖީލަށް މިކަންކަމުގެ މަޢުލޫމާތު ޢިލްމީ އަދި ތާރީޚީ ނަޒަރަކުން ވީހާވެސް ފުރިހަމަކޮށް ގެނެސްދިނުމެވެ.