ޚަބަރު

ނިމުނު ހަފްތާ: ރައީސް އިނގިރޭސިވިލާތަށް، ގިނަ ދާއިރާތަކަކުން މުހިއްމު މަޝްވަރާތަކެއް


  • އިނގިރޭސިވިލާތަށް ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅެއް ފެއްޓެވީ އަންގާރަ ދުވަހު

  • ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވޭ

  • ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއްވެސް

ނިމުނު ހަފްތާގައިވެސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ މައި ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ނަން ވިޒިޓް މޯލްޑިވްސްއަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ޙައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަޙުޤީޤުކުރެއްވުމަށް އެކުލަވާލި ރިޔާސީ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ އުވާލެއްވީވެސް ނިމުނު ހަފުތާގައެވެ.

ހަމައެއާއެކު ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި މިހާރު ތިއްބެވީ 922 މުވައްޒަފުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވިއިރު، ކުރީ ސަރުކާރުން ވީއައޭގެ އައު ޓަރމިނަލްގެ މުހިންމު މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނިމުނު އަންގާރަ ދުވަހުއެވެ.

މީގެ އިތުރުން ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ފަންތީގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްއާއި އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންގެ އިތުރުން އިނގިރޭސީންގެ ރަސްގެފާނު ޗާލްސް 3 ވަނައާ ބައްދަލުކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއްވެސް ވަނީ ބާއްވާފައެވެ.

ނިމުނު ހަފުތާގައިވަނީ ޕީއެސްއެމާއި ރައީސް އޮފީހުން ކުރިއަށްގެންދާ "ވަޒީރުންގެ އަހާ ފޯރަމް" ވެސް ބާއްވާފައެވެ. އަހާ ފޯރަމްގެ ތެރެއިންވެސް ގިނަ ކަންތައްތަކެއް އިޢުލާންކުރެވި، ހާމަވިއެވެ. އެގޮތުން ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަލައްކައާ ގާތް ކުރާ އަދަދަކަށް ގަސް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ހާމަކުރައްވާފައިވެއެވެ. އަދި ހުޅުމާލޭގައި 4 ސްކްރީނުގެ ބޮޑު ސިނަމާއެއް އެޅުމަށް ހަމަޖެހިފައިވާކަން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު އިޢުލާންކުރެއްވިއެވެ.

ހަމައެއާއެކު މިހާރު މަޖިލީހަށް ހުށައަޅާފައިވާ ގެދޮރުވެރިކަމުގެ ޤާނޫނާއެކު، ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އޮޅުވާލައިގެން މަޢުލޫމާތު ހުށައަޅާ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެފައިވާއިރު، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލައި، އެކަމަށް ޚާއްސަ މަރުކަޒަކުން ބޭސް ދޫކުރާ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ އަހާ ފޯރަމްގެ ތެރެއިން ހާމަކުރައްވާފައެވެ.

ސިޔާސީ ދާއިރާ:

ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ސޮވެރިން ފަންޑުގެ މަޤުޞަދާ ޚިލާފަށް %88 ޓީ ބިލު ގަތުމަށް ނިމުނު ސަރުކާރުން ބޭނުންކުރިކަން އޮޑިޓު ރިޕޯޓުގައި ހާމަކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. އެ ގޮތުން ޓީ ބިލް ގަތުމަށް 6.566 ބިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރެއިން ޑޮލަރުން ޓީ ބިލް ގަތުމަށް 138.74 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ބާކީއަށްވާ 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ ދިވެހި ރުފިޔާއިންނެވެ.

މީގެ އިތުރުން އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް، ޓްރޭޑްމާކް ބިލު މަޖިލީހަށް ހުށަހެޅީވެސް ނިމުނު ހަފުތާގައެވެ. ބިލު ހުށައެޅުމުގެ ބޭނުމަކީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމަރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުންކަމަށް ބިލުގައިވެއެވެ.

ހިތާމަވެރި ހާދިސާތައް:

ނިމުނު ހަފުތާ ފާހަގަކޮށްލެވެނީ ހިތާމަވެރި އެތައް ހާދިސާއެއް އަޅުގަނޑުމެންނާ ބައްދަލުކުރި ހަފުތާއެއްގެ ގޮތުގައެވެ. އެ ގޮތުން އއ. މާޅޮހުގެ ގެއަކުން ޒަޚަމްތަކަކާއެކު އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމް ފެނުނު ޚަބަރު ފާހަގަކޮށްލެވެއެވެ. ޞިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ. އަދި ގދ. ގައްދޫން ފުރައިގެން އެއަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، ޒަކަރިއްޔާ މުޙައްމަދުގެ ހަށިގަނޑު ފެނުނީވެސް ނިމުނު ހަފުތާގައެވެ. އޭނާ ގެއްލިގެން ރިޕޯޓުކުރީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ހަމައެއާއެކު ބޮޑުތަކުރުފާނު މަގުގައި ހިނގި އެއެކްސިޑެންޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޢުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު ނިޔާވީވެސް ނިމުނު ހަފުތާގައެވެ. އޭނާއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި އދ. މާމިގިލި ކައިރިއަށް ފީނަން ފޭބި 15 އަހަރުގެ ކުއްޖެއް މަރުވެފައި އޮއްވާ ފެނުނު ހިތާމަވެރި ހާދިސާ ހިނގީ ނިމުނު ހޯމަ ދުވަހުއެވެ.

މީގެ އިތުރުން ވިނަރެސްގެ ޓަވަރަކުން ވެއްޓި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބު ނިޔާވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޝިއާން އޮތީ ނިޔާވެފައެވެ.

އިޤުތިޞާދާއި ވިޔަފާރި:

ނިމުނު ހަފުތާގައި އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭރޯ ބްރިޖަކާއި މަތިންދާބޯޓެއް ގުޅުވާލައި, ކާމިޔާބު ޓެސްޓުތަކެއް އެމްއޭސީއެލްއިން ކުރިއަށް ގެންދިޔަ ޚަބަރު ފާހަގަކޮށްލެވެއެވެ. މިއީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރިއަށް ގެންދަންޖެހޭ އޮރާޓް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޓްރަޔަލްއެކެވެ.

އަދި މަހުގެ ބާވަތްތައް އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރުމަށް އެ ޤައުމުގެ ކުންފުންޏަކާއެކު މިފްކޯއިން އެއްބަސްވުމެއް ޤާއިމުކުރީވެސް ނިމުނު ހަފުތާގައެވެ. އަދި ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން، އެޗްއެންބީ އިންވެސްޓަމަންޓް ބޭންކާއެކުގައި މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ އައު ބްރޭންޑް، "ފްރޮމް މޯލްޑިވްސް" ތަޢާރަފުކުރި ޚަބަރުވެސް އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވެއެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ސިއްޙީ ދައިރާއަށް 47 އަހަރު ޚިދުމަތް ކުރައްވާފައިވާ އަބްދުލްކަރީމް އާދަމް އަވަހާރަވީ ނިމުނު ބުރާސްފަތި ދުވަހުއެވެ. އޭނާ އަވަހާރަވީ ޢުމުރުފުޅުން 80 އަހަރުފުޅުގައެވެ.

ޕީއެސްއެމްއިން ކުރިއަށްގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ ވެސް ނިމުނު ހަފުތާގައެވެ. އެ ގޮތުން މި މުބާރާތުގެ ފަޚުރުވެރި 1ވަނަ ލިބުނީ އާއިޝަތު ފިނާ ފިރާޤަށެވެ.

ސަލްމާން މިސްކިތުގައި ޤާއިމުކުރި ރާއްޖޭގެ އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ހުޅުވީވެސް ނިމުނު ހަފުތާގައެވެ. މި ލައިބްރަރީގައި 10،000 އަށްވުރެ ގިނަ ފޮތް ޤާއިމުކޮށްފައިވެއެވެ. އަދި އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒުގެ ހިންގުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކުރިއިރު،
4 ފުރޮޅުލީ އުޅަނދު ރާއްޖެއަށް އެތެރެކުރެވޭނީ ޚާއްޞަ ހުއްދައެއް ނަގައިގެންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމެވީވެސް ނިމުނު ހަފުތާގައެވެ.

ހަމައެއާއެކު އާންމު ޚިދުމަތުގެ ޔުނިޓުތައް ނެތް އަތޮޅުތަކުގައި އެ ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިޢުލާންކުރެއްވިއިރު، ސަރުކާރު ސްކޫލްތަކުގެ އެލްކޭޖީ އާއި ގްރޭޑް އެކަކަށް ދަރިވަރުން ވައްދަން ހުޅުވާލި ޚަބަރުވެސް ފެންމަތިވީ ނިމުނު ހަފުތާގައެވެ. މީގެ އިތުރުން ދަރިންނަށް ޚަރަދު ނުދޭ މީހުންގެ މައުލޫމާތު ފޮޓޯއާއެކު އާއްމުކުރުމުގެ މަސައްކަތް ފެމިލީ ކޯޓުން ފެށީ ނިމުނު ބުދަ ދުވަހުއެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް ސިޔާސީ އިޤުތިޞާދީ އަދި އެހެނިހެން ދާއިރާތަކުންވެސް މުހިންމު ކަންތައްތަކެއް ހިނގައި އިޢުލާންކުރެވުނެވެ، އަދި އެތައް ހިތަމާވެރި ހާދިސާއެއްވެސް ސުރުޚީތަކުން ފެނުނެވެ.