ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތަކާއެކު ފާއިތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި %65 މަސައްކަތް ނިންމީ އަދުގެ ސަރުކާރުން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވެއްޖެއެވެ. މުޖުތަބާ މިހެން ވިދާޅުވީ އާ ޓަރމިނަލްގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ 2016ވަނަ އަހަރު ވީއައިއޭގެ އާ ޓަރމިނަލްގެ ބިންގާ އެޅި ނަމަވެސް 8 އަހަރު ދުވަހުގެ ތެރޭގައި ނިމުނީ ގާތްގަނޑަކަށް %50 މަސައްކަތް ކަމަށެވެ. މިފަދަ މަޝްރޫއެއް ނިންމައި 3 އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދެއްކި ޓަރމިނަލްގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށް ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ ޓަރމިނަލް އިމާރާތުގެ މަސައްކަތް ނިމުނު ނަމަވެސް އޮޕަރޭޝަނަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، 2023ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ނުނިމިހުރި މަސައްކަތްތަކަށް ބޭނުންވާ ފަންޑު ހަމަޖައްސަވައި އެ މަސައްކަތްތައް މި ސަރުކާރުން ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. އެއީ ޓަރމިނަލް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްތައް ހިމެނޭހެން %65 މަސައްކަތް ކަމަށް ވިދާޅުވިއެވެ.
"ޓަރމިނަލް ފިނިކުރަން ސިސްޓަމަކީ ފެން ބޭނުންކުރާ ސިސްޓަމެއް ފިނިކުރަން. މި ފެނުގެ ޕްރޮޑަކްޝަނެއް ނެތް. އުފެއްދޭކަށް ޓަރމިނަލަށް ބޭނުންވާ ވަރަށް. ޓަރމިނަލާ ހަމައަށް ގެނެވޭނެ ވަސީލަތްތަކެއްވެސް ނެތް ގާއިމުކުރެވިފައެއް. ހަމަ ކަރަންޓުވެސް އެގޮތަށް، އަދި ޓަރމިނަލްގެ ފުރާޅަށް އެޅޭ ފެން ބޭރު ކުރާނެ ގޮތެއްވެސް ނެތް. ޓަރމިނަލްގެ ކުރިމަތީގައާއި ވަށައިގެންވާ އެއްވެސް ކަހަލަ މަގެއް ހެދިފައެއް ނެތް. އެއްވެސް ބަޔަކަށް އެވޯޑު ކުރެވިފައި ނެތް. މި ހުރިހާ މަސައްކަތެއް ކުރެވިގެން މިދިޔައީ 2023ގެ ނޮވެމްބަރުގެ ފަހުން،" އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ އާ ޓަރމިނަލާއި ފްލައިޓުތައް ޕާކުކުރާ ރޭމްޕާއި ދެމެދު އޮންނަ ހެޑް އޮފް ސްޓޭންޑް ރޯޑުގެ އެއްވެސް މަސައްކަތެއް އެއަރޕޯޓް މަޝްރޫއުގެ ތެރޭގައި ނުހިމަނާ ކަމަށެވެ. އަދި ކޮމާޝަލް އޭރިއާ ހެދުމުގެ މަސައްކަތްވެސް އެއްވެސް ބަޔަކާ ހަވާލުކޮށްފައިނުވާ ކަމަށާއި އެއަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެއަރޕޯޓަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް 4 ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނެސް، ފެނުގެ ކެޕޭސިޓީ ގާއިމުކުރުމާއި ފިޔުލް ފަރމާއި ފަޔަރ ބިލްޑިންގ އަދި ކާގޯ ބިލްޑިންގެ މަސައްކަތްވެސް ނިންމެވީ އަދުގެ ސަރުކާރުން ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވިއެވެ.