ޚަބަރު

އަނެއްކާވެސް އަސްކޮއި ގްރޫޕުގެ މައްސަލަތަކެއް؛ ވަޒީރު ވިދާޅުވީ ފިޔަވަޅު އަޅުއްވާނެކަމަށް!


  • ފައިސާ ނެގުމަށް ފުރަން ހަފްތާއަކަށް ވެފައި ވަނިކޮށް ނުދެވޭނެ ކަމަށް މީހުންނަށް ވަނީ އަންގާފައި

  • މިމައްސަލަ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ފުލުހުންނަށް ވަނީ ހުށަހަޅާފައި

އަސްކޮއި ގްރޫޕުން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށް ފަހު، ފުރަން ގާތްވެފައޮތްވާ ނުފުރޭނެ ކަމަށް އެންގި މައްސަލައެއް ފެންމަތިވުމުން އެ ގްރޫޕަށް ފިޔަވަޅު އަޅުއްވާނެކމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިއީ އަސްކޮއިގެ މިފަދަ މައްސަލައެއް ފެންމަތިވި ދެވަނަ ފަހަރެވެ.

އަސްކޮއިން ގްރޫޕުން މީހުން އުމްރާއަށް ގެންދާނެކަމަށް ބުނެ، ފައިސާ ނެގި މައްސަލައެއް ފެންމަތިވެ މީސްމީޑިއާގައި އާންމު ފަރާތްތަކުން ދަނީ ޙިއްސާކުރަމުންނެވެ. އެގޮތުން މިމަހުގެ 24ވަނަ ދުވަހު ފުރަން ބައެއް މީހުންނާ އެންގުމަށްފަހު ފުރުމަށް ހަފްތާއަކަށްވެފައިވަނިކޮށް ނުފުރޭނެކަން ވަނީ އަންގާފައެވެ.

މިމައްސަލައާއި ގުޅިގެން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކާމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް، މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަސްކޮއި ގްރޫޕަށް އަނެއްކާވެސް ފިޔަވަޅު އަޅާނެކަން ވަޒީރު ހާމަކުރެއްވިއިރު، މީގެ ކުރިން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއި އެގްރޫޕާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފު ވުމާއި ގުޅިގެން، އެގްރޫޕް 130،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. މީގެއިތުރުން މިއަހަރުގެ ރަމަޟާން މަހުގެ ޢުމްރާއަށް ދުރާލާ ފައިސާ ދައްކާފައިވާ ބަޔަކު އުމްރާއަށް ނުގެންދިޔަ މައްސަލައެއްގައި ރީފަންޑު ފައިސާ އަނބުރާ އެފަރާތަށް ޙަވާލުކުރުމަށްވެސްވަނީ އޭރު އަނގާފައިވެއެވެ.