ޚަބަރު

އަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފި


  • ބޭސްފަރުވާކުރުމަށް 590 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި

  • އެންމެ ގިނައިން ޚަރަދުކުރީ ކެންސަރު ބައްޔަށް ފަރުވާކުރުމަށް

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ފަންޑުން ޢާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ބޭސްފަރުވާކުރުމަށް 590 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޖުމުލަ 8.4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިއަހަރުގެ ފުރަތަމަ 6 މަހު އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާކުރުމަށް 2.3 މިލިޔަން ރުފިޔާގެ އެހީ ދީފައިވެއެވެ.

ބޭސްފަރުވާއަށް ކޮށްފައިވާ ޚަރަދުގެ ތަފްސީލު:

• ޖެނުއަރީ މަހު - 7.6 ލައްކަ ރުފިޔާ
• ފެބްރުއަރީ މަހު - 7.5 ލައްކަ ރުފިޔާ
• މާރިޗު މަހު - 8.4 ލައްކަ ރުފިޔާ
• އޭޕްރީލް މަހު - 1.1 މިލިޔަން ރުފިޔާ
• މެއި މަހު - 3.9 މިލިޔަން ރުފިޔާ
• ޖޫން މަހު - 1.1 މިލިޔަން ރުފިޔާ

ޒަކާތު ފަންޑުން އަންނަނީ އެހެނިހެން ދާއިރާތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ 6 މަސް ދުވަހު ފަޤީރުންނާއި މިސްކީނުންގެ ބައިން ޟަރޫރީ އެހީގެ 110،000 ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި ޢާމިލުންގެ ބައިން 4.2 މިލިޔަން ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ފީސަބީލިﷲ ބައިން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާންގެ ޢިލްމު ފެތުރުމަށްޓަކައި 2.3 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް 1.66 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.