ޚަބަރު

ފައިނު އެކްސިޑެންޓުގައި އަނިޔާވި ޓީޗަރާއި ދެ ކުދިން އައިސީޔޫއިން ވޯޑަށް ބަދަލުކޮށްފި


  • ޕްރިންސިޕަލްއަށް ފަރުވާ ދިނީ އުނޣޫފާރު ހޮސްޕިޓަލުން

  • ޓީޗަރާއި ދެ ކުދިންނަށް ވެންޓިލޭޓަރުގައި ބާއްވައިގެންވެސް ފަރުވާދިން

ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އައިސޫޔޫގައި ފަރުވާ ދިނުމަށްފަހު ވޯޑަށް ބަދަލުކޮށްފިއެވެ.

މިދިޔަ މަހުގެ 26 ގައި ރ. ފައިނުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ، އިތުރު ފަރުވާއަށް މާލެ ގެނައީ ޓީޗަރާއި 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ފައިނު ސްކޫލްގެ ދެ ދަރިވަރުން ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު އެރަށު ސްކޫލްގެ ޕްރިންސިޕަލާއި، ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭގެ ތެރެއިން ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނައެވެ. އެއީ ސައިކަލް ދުއްވި ދެ ދަރިވަރުންނާއި، ސައިކަލުން ޖެހުނު އެރަށު ސްކޫލްގެ ޓީޗަރެކެވެ.

އޭގެ ތެރެއިން އުމުރުން 14 އަހަރާއި 16 އަހަރުގެ ދެ ފިރިހެން ކުދިންނާއި 49 އަހަރުގެ ފިރިހެން ޓީޗަރުގެ ހާލު ގޯސްކަމުން، ފަރުވާ ދިނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ އެ އެންމަށްވެސް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު މިގާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށެވެ.