ޚަބަރު

ބަނގުރަލުގެ މައްސަލައިގައި 4 ބިދޭސީއަކު ހައްޔަރުކޮށް 3 މީހަކު ޑީޕޯޓްކޮށްލަނީ


  • މައްސަލާގައި ހައްޔަރުކޮށްފައިވަނީ ލަންކާގެ 3 މީހަކާއި ބަންގްލަދޭޝް މީހެއް

  • ބަލައި ފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވޭ

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން 3 ބިދޭސީއަކު އަދި ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ތިން މީހުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ސެނިތް ހެޝަން ވިކްރަމަސިންހައާއި، 39 އަހަރުގެ ދުލިތު މަޑުސާކާ އަދި 24 އަހަރު ޖިނިތަ މަދުރަންގާ ސެނަވިރަތިންއެވެ. މި ތިން މީހުންވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މި 3 މީހުންގެ އިތުރުން، ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިންވެސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އެމްޑީ ޖަހަންގިރު ހޮސައިނެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ. ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަަށް ބެލެވޭ އެއްޗެއްހުރި 9 ފުޅި (500އެމްއެލް) ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.