ޚަބަރު

ކައުންސިލްތަކުގެ އިންކުއަރީތައް ޢާންމުކުރަން ފެށުމުން ޒިންމާދާރުވާން ބާރުއެޅޭ: ވަޒީރު އާދަމް ޝަރީފް


  • ވީހާވެސް ގިނަ މަޢުލޫމާތު ހާމަކުރުމަކީ މިންހެޔޮ ސަރުކާރެއްގެ އެއް ސިފަކަމަށް ވިދާޅުވި

  • އިންކުއަރީތައް ހެދުމުގައި އެލްޖީއޭއިން ހުރިހާ އިޖުރާޢަތްތައް ފުރިހަމަކުރުމަށް ބާރުއެޅޭކަމަށް ވިދާޅުވި

އެކިއެކި މައްސަލަތަކާ ގުޅިގެން ކައުންސިލްތަކާ ގުޅޭގޮތުން ހަދާ އިންކުއަރީތައް ޢާންމުކުރަން ފެށުމާއެކު މަސައްކަތްތަކުގައި ޒިންމާދާރުވުމަށް ކައުންސިލްތަކަށް ބާރުއެޅޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މީސް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވަނީ މައްސަލަތަކާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ހަދާ ކައުންސިލްތަކުގެ އިންކުއަރީތަކުގެ ޚުލާސާ ޢާންމުކުރުމަށް އަންގަވާފައިވާކަން ހާމަކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އިންކުއަރީތައް ޢާންމުކުރުމަށް އަންގާފައިވަނީ އެލްޖީއޭއާއި ކައުންސިލްތަކުންކުރާ މަސައްކަތްތައް ޒިންމާދާރުކުރުމަށް ކަމަށެވެ. އަދި މިފަދަ ރިޕޯޓުތައް ޢާންމުކުރުމާއި ވީހާވެސް ގިނަ މަޢުލޫމާތު ހާމަކުރުމަކީ މިންހެޔޮ ސަރުކާރެއްގެ އެއް ސިފަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިންކުއަރީތައް ޢާންމުކުރުމުން ކައުންސިލްތައް ޒިންމާދާރުވެ ޖަވާބުދާރީކުރުމަށް ފުރުޞަތުތައް ފަހިވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން މި ނިންމުމާއެކު އިންކުއަރީތައް ހެދުމުގައި އެލްޖީއޭއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާޢަތްތައް ފުރިހަމަކުރުމަށް ބާރުއެޅޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެލްޖީއޭއިން އިންކުއަރީއެއް ހަދާނީ ކައުންސިލަކާ ގުޅޭގޮތުން ހުށައެޅޭ ޝަކުވާތަކާ ގުޅިގެން، އެ އޮތޯރިޓީގެ ބޯޑުން ނިންމުމުންނެވެ. އެ ގޮތުން މިދިޔަ އަހަރު އެލްޖީއޭއަށް ކައުންސިލާއި ކައުންސިލަރުންނާ ގުޅޭގޮތުން ޖުމުލަ 120 ޝަކުވާ އަމިއްލަ ފަރާތްތަކުން ހުށައަޅާފައިވެއެވެ. ބައެއް ޝަކުވާތަކާ ގުޅިގެން އެލްޖީއޭއިން ވަނީ ނަސޭހަތްދީފައެވެ. އެލްޖީއޭއިން މިދިޔަ އަހަރު ތ. ތިމަރަފުށި ކައުންސިލް އިދާރާގެ އިންކުއަރީއެއް ހަދާފައިވާއިރު މިއަހަރު ތެރޭގައި ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީއެއްވެސްވަނީ ހަދާފައެވެ. މިއިންކުއަރީއާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުވަނީ ސަސްޕެންޑްކޮށްފައެވެ.