ޚަބަރު

ހައުސިންގ ޕްރޮޖެކްޓް ހިންގާ ރަށްތަކުގައި އަމިއްލަ ގޯތީގައި ގެދޮރުއަޅަން ބޭނުންވާ މީހުންނަށް އެފުރުޞަތު ހުޅުވާލައިފި


  • 57 ރަށުގައި ސަރުކާރުން ހައުސިން ޔުނިޓް އަޅަން ވަނީ އިޢުލާނުކޮށްފަ

  • ކައުންސިލްތަކުން ދަނީ މިކަމަށް އިޢުލާނުކުރަމުން

ސަރުކާރުން ފަހިކޮށްދޭ ހައުސިންގ މަޝްރޫޢުގައި، އަމިއްލަ ގޯތީގައި ހައުސިން ޔުނިޓް އިމާރާތްކުރަން ބޭނުންވާ ފަރާތްތަކުގެ އަދަދާއި ގޯތީގެ ތަފްސީލްތައް ހޯދުމުގެ މަސައްކަތް އިމާރާތްކުރުމާއި ގެދޮރިވެރިކަމާ ބިނާރާބެހޭ ވުޒީރާއިން ފަށައިފިއެވެ.

ސަރުކާރުން ހައުސިންގ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފަވާ ރަށްތަކުގައި، އަމިއްލަ މީހުންގެ ގޯތީގައި ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން އެހީތެރިކަން ދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ރައީސް މިކަން އިޢުލާނުކުރެއްވީ މިއަހަރުގެ ފެބްރުއަރީމަހު ރ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިއީ އަމިއްލައަށް ގެދޮރު އިމާރާތްކުރުމުގައި މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް އެހީތެރިވެދީ، އެމީހުންގެ އަމިއްލަ ބިންތަކުގައި ގެދޮރު އަޅާ ދިރިއުޅެވޭނެ މަގު ފަހިކުރުމަށް ސަރުކާރުން ތަނަވަސްކޮށްދޭ ފުރުޞަތެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފުރުޞަތު ދެނީ ސަރުކާރުން އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފަވާ 57 ރަށަށްކަމަށެވެ. ސަރުކާރުން އިޢުލާނުކޮށްފަވާ މަޝްރޫޢުގައި އަތޮޅުތަކުގައި ރަށްތަކުގައި 12000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމަށް އިޢުލާނުކޮށްފަވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ރަށްތަކުގެ ތެރެއިން އަމިއްލަ ގޯތީގެ ބިންތަކުގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންވާ މީހުން ހޯދުމަށް، ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ފަށާފަވާކަމަށެވެ.

އެގޮތުން ކައުންސިލްތަކުން މިހާރު ދަނީ، އެފަދަ ފަރާތްތައް ހޯދުމަށް އިޢުލާނުކުރަމުންނެވެ. ބައެއް ރަށްތަކުން މިހާރު ވަނީ ގެޒެޓުގައި އެކަން އިޢުލާނުކޮށްފައެވެ. ކައުންސިލްތަކުން ދޭ މުޙުލަތުގައި، އެ މަޢުލޫމާތު ކައުންސިލްތަކާ ޙިއްސާކުރަމުން ގެންދިއުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސްކުރެއެވެ. ކައުންސިލްތަކުން މިކަމަށް އިޢުލާނުކުރާއިރު، ގެޒެޓުގައާއި އަދި އާއްމުކޮށް އެކަން އަންގާ އިޢުލާނުކުރާނެއެވެ.

މި ޕްރޮޖެކްޓްގެދަށުން އަޅަނީ 3 ކޮޓަރިގެ ހައުސިންގ ޔުނިޓްތަކެވެ. މިގޮތަށް ވަކި ވަކި ފަރުދުންގެ ބިންތަކުގައި އަޅާ ގެތަކުގެ އަދަދުތައް ކަނޑައެޅުމުން، އެ ރަށަކަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދުގެ ބާކީ ހައުސިންގ ޔުނިޓްތައް އަޅާނީ ކައުންސިލުން ނިންމާ ވަކި ސަރަޙައްދެއްގައެވެ.

މި ޔުނިޓްތައް ސަރުކާރުން އަޅައިދެނީ، ސަރުކާރުގެ އެހެނިގެން ހައުސިންގ ސްކީމްތަކުން ދޫކުރާ ގެތަކަށް ފައިސާ ދައްކާ އުސޫލުތަކާ އެއްގޮތަށެވެ.

ސަރުކާރުން މިހާރުވަނީ، އަތޮޅުތަކުގެ ރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފަވާ ހައުސިންގ މަޝްރޫޢުތަކަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ފުރުޞަތު ހުޅުވާލާފައެވެ. އަދި މިކަމަށް ގިނަ ޕްރޮޕޯސަލްތަކެއް ލިބެމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.

މިއަހަރަކީ ސަރުކާރުން ބޯހިޔާވަހިކަމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރިއަށްގެންދާ އަހަރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ އަހަރެކެވެ. އެގޮތުން ބޯހިޔާވަހިކަމަށް އިސްލާމިކް ފައިނޭންސްގެ ތެރެއިން ލޯނު ފެސިލިޓީ ދޫކުރުމާއި އަދި ޢުމްރާނީ ގިނަ މަސައްކަތްތަކެއްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. ސަރުކާރުން މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅުންހުރި މަސައްކަތްތަކަށް 2 ބިލިޔަނެއްހާ ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.