ޚަބަރު

ރިބާގެ ވަބާއިން އިޤްތިޞާދު ސަލާމަތްކުރުމަކީ މުޖުތަމަޢުގެ ހައްޤުގައި ކުރަން ޖެހޭ ކަމެއް: ޚުޠުބާ


  • ކެއުމަށް ޙަލާލުތަކެތޮ ހޯދާފަަދައިން ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދާ އެއްޗަކަށް ހަދަންޖެހޭ

ރިބާގެ ނުރައްކާތެރި ވަބާއިން އިޤްތިސާދީ ނިޒާމު ސަލާމަތްކުރުމަކީ، މުޅި މުޖްތަމަޢުގެ ހައްޤުގައި ކޮންމެ ފަރުދަކުވެސް ކުރަންޖެހޭ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިހަފްތާގެ ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "ޙަލާލު ގޮތުގައި މާލީ މުޢާމަލާތްތައް ކުރުން" މި މައުޟޫއަށެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ، އަހަރެމެން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދަންޖެހޭކަމަށެވެ. ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުޢާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނެހެދުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ.

ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި އެއްޗެއްކަން ހަނދާންކޮށްދެއްވާ ޚުޠުބާގައި ވިދާޅުވީ، ރިބާއަކީ އުޚުރަވީ ޙަޔާތުގައިވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނެ އެއްޗެއްކަމަށެވެ.

"ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއްކަމުގައެވެ. (ނަމަވެސް) ވިޔަފާރިކުރުން ވަނީ، ﷲ، ހުއްދަކުރައްވައިފައެވެ. އަދި، ރިބާ ވަނީ ޙަރާމްކުރައްވައިފައެވެ. ފަހެ، އެ މީހާގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ދެއްވާ ވަޢުޡާއި ނަސޭހަތް އެ މީހަކާ ހަމަޔަށް އައުމުން އެ ކަން (އެބަހީ: ރިބާކެއުން) ހުއްޓައިލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެ މީހަކަށް ހުށްޓެވެ. (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރީން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވައިފައި ވެއެވެ.) އަދި، އެ މީހެއްގެ ކަންތައް އޮތީ، ﷲއަށް ޚާއްޞަވެގެންނެވެ. އަދި، އަލުން (އެ ކަމަށް) އެނބުރި އަތުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރީންނެވެ. އެއުރެންނީ އެ ތާނގައި ދެމިތިބެނިވި ބަޔެކެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދޭފަދައިން، މުޢާމަލާތުގެ ބަޔަށްވެސް އިސްކަންދޭކަން ހަނދާންކޮށްދެއްވާ ހުކުރު ޚުޠުބާގައި ވިދާޅުވީ، އިންސާނާގެ ޙަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތުތަކާ މެދު ފަރުވާތެރިވުން މުހިންމު ކަމަށެވެ.

މީގެކުރިން މަޖުބޫރު ހާލަތެއްގައިތިބެ ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރަންސް ނަގާން ޖެހުނު ކަމުގައި ވިއަސް، މިއަދު މިވަނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް މާލީ މުޢާމަލާތު ހިންގޭނެ މަގު ތަނަވަސްވެފައެވެ.

މުޅި ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާކަން ފާހަގަކުރައްވާ ޚުޠުބާގައި ވިދާޅުވީ، ރިބާގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމަޢުގެ ތެރޭގައި އޮންނާންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތި ކޮށްލާކަމަށެވެ.

އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފައިސާގެ މުޢާމަލާތުތައްކުރުމަކީ، ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރުކުރައްވާނޭ ގޮތްކަން ހަނދާންކޮށްދެއްވާ، ޚުޠުބާގައި ވިދާޅުވީ އެއްވެސް ފާފައަކަށް އެހީތެރިވެދޭ މީހަކީ، އެ ފާފަ ކުރާ މީހެކޭ އެއްފަދަ މީހެއްކަމުގައި އިސްލާމް ދީން ދެކޭކަމަށެވެ.