ޚަބަރު

މިދިޔަ ސަރުކާރުގައި އެމްއެމްޕީއާރުސީއަށް 203 މިލިޔަން ރުފިޔާގެ މާލީ ގެއްލުންވި


  • ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެމްއެމްޕީއާރުސީން ވިދާޅުވި

  • ކުރިއަށްވުރެ ޚަރަދުތައްވަނީ %10 ކުޑަ ކޮށްފައިކަމަށް ވިދާޅުވި

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ މައި ކުންފުނި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއަށް މިދިޔަ ސަރުކާރުގައި 203 މިލިޔަން ރުފިޔާގެ މާލީ ގެއްލުންވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައެވެ.

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ އެމްއެމްޕީއާރުސީގެ ހާލަތު ބަލައި ރިޕޯޓެއް ނެރެފައެވެ. މި ރިޕޯޓުގައިވާ ގޮތުން މިދިޔަ 3 އަހަރު އެކުންފުނި ހިންގާފައިވަނީ ގެއްލުމުގައިކަން ވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅިގެން ޢާންމުންގެ ބައެއް ކަންބޮޑުވުންތައް ހުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއެމްޕީއާރުސީން ވިދާޅުވީ އެ ކުންފުންޏަށް ދިމާވެފައިވާ މާލީ ގެއްލުމުގެ މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުގެ 4 އަހަރުގެ ތެރޭގައި ބޮޑު އަދަދަކުން ކުންފުނި ދަރާފައިވުން ކަމަށެވެ. އެގޮތުން މިދިޔަ 4 އަހަރު 203,891,026 (ދުއިސައްތަ ތިން މިލިޔަން އަށްސަތޭކަ ނުވަދިހަ އެއްހާސް ސައްބީސް ރުފިޔާގެ) މާލީ ގެއްލުންވެފައިވާ ކަމަށް ވިދާޅުވިއެވެ.

ދަރަނީގެ ތަފްސީލު:

• 2020 ވަނަ އަހަރު - 1،624،866 ރުފިޔާ
• 2021 ވަނަ އަހަރު - 141،977،908 ރުފިޔާ
• 2022 ވަނަ އަހަރު - 42،290،590 ރުފިޔާ
• 2023 ވަނަ އަހަރު - 17،997،662 ރުފިޔާ

އެމްއެމްޕީއާރުސީން ވިދާޅުވީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްތައް ހިންގުން އިޞްލާޙުކޮށް، އިތުރަށް ހަރުދަނާކޮށް، މިހާރަށްވުރެ ރަނގަޅު މަގަކަށް ވާސިލުވުމަށް ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށެވެ. އަދި ކުންފުނީގެ ޚަރަދުތައް %10 ކުޑަކޮށްފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކުންފުނީގެ އިސްތިހާރުކުރާ އެޖެންސީތަކުގެ އަދަދު ވަރަށް ބޮޑަށް ދަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން އެމްއެމްޕީއާރުސީން 21 އެޖެންސީއެއް ބެލެހެއްޓި ނަމަވެސް، މިހާރު އެ ކުންފުނީގެ ދަށުގައި ވަނީ އެންމެ ރަނގަޅަށް ހިނގާ 6 އެޖެންސީކަމަށެވެ. މީގެ ސަބަބުން 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ މީގެ ކުރިން ބަޖެޓުގެ %80 ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ބޭނުންކުރި ނަމަވެސް، އެ އަދަދު %34އަށް ދަށްކޮށް، ބައިވެރިވާ ކޮންމެ ބޮޑު ހަރަކާތަކުން އެވްރެޖްކޮށް 2 މިލިޔަން ރުފިޔާ ސަލާމަތްވާކަމަށާއި ބަޖެޓު ދަށްކުރުމުން އިސްތިހާރުކުރާ މިންވަރާއި ފެންވަރަށް ބަދަލެއް އައިސްފައިނުވާކަމަށްވެސް އެމްއެމްޕީއާރުސީން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށައެޅޭނެ ކަމާށާއި އެ ބަޔާނުން ގެނެސްފައިވާ މާލީ އިސްލާހުތަކާއި ހިންގުމާއި ބްރޭންޑިންގެ ދާއިރާގައި ގެންގުޅޭ އައު ރޭވުންތައް ހިއްސާކުރެވޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ މައި ކުންފުންޏެވެ. "ވިޒިޓް މޯލްޑިވްސް"ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަމުން އަންނައިރު، މި އަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި މިމަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވި، ގިނަ އަދަދެއްގެ ބަޔަކަށް ޚިދުމަތް ދެވެން ފެށުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެކަން އެމްއެމްޕީއާރުސީން ފާހަގަކުރައްވައެވެ.