މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއެކު، އިންވެސްޓްމެންޓްގެ ދާއިރާއިން ރާއްޖެއާއި ސިންގަޕޫރުން ގުޅިގެން މަސައްކަތްކުރެވޭނެކަމަށް ސިންގަޕޫރު ސަރުކާރުން ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގައި ބޭއްވި ދިވެހިރާއްޖެ - ސިންގަޕޫރު ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް ދި އެންވަރަޔަމެންޓް މިނިސްޓަރ ފޫ ހައި ޔެއިން ވިދާޅުވީ ރާއްޖެއާއި ސިންގަޕޫރަށް އެއްގޮތް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެ ގޮތުން ދެ ޤައުމަކީވެސް މޫސުމީ ބަދަލުތަކަށް ނާޒުކު، ޤުދުރަތީ ވަޞީލަތްތައް މަދު، އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯއްސާވެފައިވާ ދެ ޤައުމުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ދަތިތަކުން އަރައިގަތުމަށް ރާއްޖެއާއި ސިންގަޕޫރުން ގުޅިގެން ބަައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތްކޮށް، ވަކާލާތުކޮށްފައިވާކަން ސިންގަޕޫރުގެ ތިމާވެށްޓާ ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިންވެސްޓްމެންޓްގެ ދާއިރާއިންވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖޭގެ އެކި ވިޔަފާރިތައް ސިންގަޕޫރުގައި ޤާއިމުކޮށްފައިވާކަން ފާހަގަކޮށްލަންޖެހޭ. އެ ގޮތުން 50 ވިޔަފާރިއެއް ޤާއިމުކޮށްފައިވޭ. އަޅުގަނޑު ދަޢުވަތުދެން ސިންގަޕޫރުގެ އިންވެސްޓަރުންވެސް ރާއްޖޭގައި ވިޔަފާރިތަކަށް އިންވެސްޓްކުރަން." ވަޒީރު ވިދާޅުވިއެވެ.
Delighted to welcome participants arriving for the Maldives-Singapore Business Forum. We look forward to engage in meaningful dialogue and foster lasting partnerships #MaldivesBusinessForum2025 #InvestInMaldives #Vision2040 pic.twitter.com/a50FAb5gNF
— Ministry of Economic Development and Trade (@MoEDmv) July 1, 2025
ސިންގަޕޫރުގެ ވަޒީރު ވިދާޅުވީ ސިންގަޕޫރަކީ އަންބަރ ޕްލޭނިންއާއި ބިނާރާއި ޑިޖިޓަލް ޚިދުމަތްތަކުގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމެއްކަމަށާއި އެ ދާއިރާތަކުން ރާއްޖެއަށްވެސް ފައިދާ ހޯދިދާނެ ކަމަށެވެ. އެކަމަށްޓަކައި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއާއި އިންވެސްޓްމެންޓްގެ ދާއިރާއިންދެ ޤައުމުން ގުޅުން ބަދަހިކޮށް މަސައްކަތްތަކެއް ކުރެވޭނެކަމަށް ސިންގަޕޫރުގެ ދެމެހެއްޓެނިވިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ސިންގަޕޫރުގައި ދިވެހިރާއްޖޭގެ ބިޒްނަސް ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖެއަށް އިންވެސްޓަރުން ހޯދުމަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ދަނީ ބިޒްނަސް ފޯރަމްތައް ބާއްވަމުންނެވެ. މިއީ އެކި ދާއިރާތަކުން ރާއްޖެއަށް އަވަސް ކުރިއެރުން ގެނެސްދޭނެ، އިޤުތިޞާދު ސިންދަފާތު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.