ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅޭނެ މަގު ފަހިކުރުމަށް ޚާއްސަ ނިޒާމެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޤާއިމުކޮށްފިއެވެ.
ބިދޭސީ މަސައްކަތްތެރިންގެ ޝަކުވާތައް ހުށަހެޅޭނެ ޚާއްސަ ސެންޓަރެއް މިއަދު ވަނީ ޤާއިމުކޮށްފައެވެ. "މައިގްރެންޓް ވޯކަރ ރިސޯސަސް ސެންޓަރ"ގެ ނަމުގައި ޤާއިމުކުރި މި ސެންޓަރު ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަން، އައިއޯއެމްގެ ރީޖަނަލް ޑައިރެކްޓަރ އިޔޯރީ ކާޓޯއެވެ.
ސެންޓަރުގެ އިތުރުން އޮންލައިންކޮށް ޝަކުވާ ހުށަހެޅޭ ގޮތަށް ޕޯޓަލެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. "މައިގްރެންޓް ކަނެކްޓް"ގެ ނަމުގައި ފަރުމާކޮށްފައިވާ މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ.
މައިގްރެންޓް ކަނެކްޓް ޕޯޓަލް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށްވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާންޖެހޭ ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މަސައްކަތްކުރާ ބައެއް ބިދޭސީންގެ ބޭނުން ނަހަމަގޮތުގައި ބައެއް ފަރާތްތަކުން ހިފަމުންދާކަން ޑރ.ފައިރޫޝް ފާހަގަކުރެއްވިއެވެ. އެ ގޮތުން ގިނައިރު މަސައްކަތްކުރަންޖެހުމާއި ރައްކާތެރި ނޫން މާޙައުލުތަކުގައި މަސައްކަތްކުރަން ޖެހުމާއި ޢާންމު މަޢުލޫމާތު ނުލިބުންފަދަ އެތައް ދައްޗަކާއި ބިދޭސީން ކުރިމަތިލާކަން ޑރ. ފައިރޫޝް ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިހާރު އިފްތިތާޙުކޮށްފައިވާ ޕޯޓަލާއި ޤާއިމުކޮށްފައިވާ ސެންޓަރުން ބިދޭސީންނަަށް ދިމާވަމުންދާ އެކިއެކި ދަތިތައް ހައްލުކޮށް، އެ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު ނަމަވެސް، ގަވާއިދުގެ ތެރެއަށް ވަނުމަށް ސެންޓަރުން އެހީތެރިވެދޭނެޔޭ. އަދި ޕޯޓަލްވެސް ފަރުމާކޮށްފައިވަނީ ބިދޭސީންނަށް ބޭނުންވާ އެކި ޚިދުމަތްތަކާއި ޢާންމު މަޢުލޫމާތުވެސް ލިބޭނެ ގޮތަށް." ޑރ. ފައިރޫޝް ވިދާޅުވިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރު އެކުލަވާލި ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ %43 އިންސައްތައަކީ ބިދޭސީންނެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާއިރު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ޤާނޫނީ އިމުގެ ތެރެއަށް ވަނުމަށް ސަރުކާރުން ދަނީ ފުރުޞަތު ދެއްވަމުންނެވެ. މީގެއިތުރުން ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބިދޭސީންގެ ދިރިއުޅުމުގެ ޙާލަތު ދަށްވުމުގެ ސަބަބުން އެކަށީގެންވާ ހިޔާވަހިކަން ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ބިދޭސީންގެ އެކޮމޮޑޭޝަންތަކެއް އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.