ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން އާރްޓީއެލްގެ ފެރީގެ ޙިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެއެވެ.
އާރްޓީއެލް ފެރީގެ ޙިދުމަތް މިހާރު ޖުމްލަ 10 އަތޮޅެއްގައި ވަނީ ފަށާފައެވެ. އެންމެފަހުން މި ޚިދުމަތް ފަށާފައިވަނީ ރ. އަތޮޅުގައެވެ. ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24000 އަށް އަރައެވެ.
ރ. އަތޮޅުގައި ޖޫންމަސް ނިމުމުގެ ކުރިން އާރްޓީއެލް ފެރީ ޚިދުމަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރ. އަދި ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރު ޖެނުއަރީ މަހު ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ރ. އުނގޫފާރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށިގެން ދިއުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ.
އެކްސްފައި ކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ވަޢުދާ އެއްގޮތަށް ރ. އަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު، ޖުލައި މަސް ނިމުމުގެ ކުރިން ބ އަތޮޅުގައި ފެރީ ގެ ޚިދުމަތް ފަށާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އެ އަތޮޅުގައިވެސް ޚިދުމަތް ފައްޓަވާނެކަމަށެވެ. ރައީސް ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށްދާކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅުވެސް ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތަކީ، އަތްފޯރާފަށެއްގައި އެއްރަށުށް އަނެއް ރަށަށް ދަތުރުކޮށް ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. ރ. އަތޮޅުގައި ފުރަތަމަ ފަށާފައި މިވަނީ ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ދަތުރުތަކެވެ. ހަފްތާއެއްގެ މުއްދަތަކަށް މި ދަތުރުތައް ގެންދާއިރު، މިއީ ހިލޭ ކުރާ ދަތުރުތަކެކެވެ.
ރ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދެނީ 3 ރޫޓަކަށް ބަހާލައިގެންކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ރޫޓުތައް ކަނޑައަޅާނީ އާއްމުކޮށް އެ ޚިދުމަތުގައި އާއްމުން ދަތުރުކުރާ ރަށްތަކަށް ބަލައިގެން، އެކަމަށް ފަހިވާގޮތަށެވެ. މި ޚިދުމަތް ހަފްތާގެ ކޮންމެ ދުވަހަކުވެސް ލިބޭއިރު ޚިދުމަތް ދިނުމަށް 2 ލޯންޗު ފެރީ ބޭނުންކުރަމުންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ތަޖުރިބާ ހަފްތާއަށްފަހު، އާއްމު އުސޫލުން ދަތުރުތައް ފަށާނީ ޖުލައި 3 ވަނަ ދުވަހުއެވެ. ރޫޓުތަކާއި ޓިކެޓުގެ އަގުތަކާއި އަދި ދަތުރުތަކުގެ ޝެޑިއުލްތައް، އާރްޓީއެލް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ. އަދި އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގާ، ފައިސާ ދެއްކޭނެއެވެ.
އާރް.ޓީ.އެލްގެ ދަތުރުތަކާއެކު ރ. އަތޮޅުގެ ރައްޔިތުންނަށް ބޭސްފަރުވާއާއި އެނޫންވެސް ޒަރޫރީ ބޭނުންތަކަށް އަތޮޅުގެ އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަކަން ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވާފައެވެ. އަދި މިއީ އަތޮޅުގައި ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށްވެސް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަން ސަރުކާރުން ވިދާޅުވެއެވެ.
ދަތުރުތަކުގައި ބޭނުންކުރާ ލޯންޗު ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، މީހުން އުފުލުމަށް ޚާއްސަ ފީޗަރތައް ހިމެނޭގޮތަށެވެ. އަދި އުޅަނދުތަކުގައި މަސައްކަތްކުރަނީ ޚާއްސަ ޓްރެއިނިންތައް ދީފައިވާ ކެޕްޓަނުންނާ ފަޅުވެރިންނެވެ.
ވަކި ވަކި އަތޮޅަށް ބަލާއިރުވެސް، އަތޮޅުގެ މުހިންމު ގިނަ ޚިދުމަތްތައް ޤާއިމުވެފައިހުރީ އަތޮޅުގެ ބޮޑެތި ރަށްތައް ނުވަތަ އަތޮޅުގެ ވެރިކަން ކުރާ ރަށުގައެވެ. މިއާއެކު ގިނަ ޚިދުމަތްތަކެއް ހޯދުމަށް އަތޮޅުގެ ކުދި ރަށްތަކުން، އެ ރަށްތަކަށް ބަރޯސާވާންޖެހެއެވެ. ސިއްޙީ ފަރުވާއަށާއި ވިޔަފާރީގެ ބޭނުންތަކާއި، އާއްމު ޚިދުމަތްތައް ހޯދުމަށްވެސް ދާންޖެހެނީ، ކަނޑު ދަތުރެއްކޮށް އެ ރަށްތަކަށެވެ.
މިއިން ކޮންމެ ޚިދުމަތަކާއި ރައްޔިތު މީހާ ގުޅުވައިދެނީ ކަނޑުދަތުރަކުންނެވެ. މިއީ ކަނޑުދަތުރުގެ އެކަށޭނަ، ރައްޔިތުންނަށް ބަރޯސާވެވޭ ނިޒާމެއްގެ މުހިންމުކަން ފެނިގެންދާ ހިސާބެވެ. އެގޮތުން ރައްޔިތުންނަށް ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.