ކަނޑުދަތުރުވެރިންނަށް ކުރިމަތިވާ ފުރުއްސާރަ ހުއްޓުވަން ހަރުދަނާ ނިޒާމުތަކެއް ޤާއިމްކުރަން ޖެހޭ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް މެރިޓައިމް އޯރގަނިޒޭޝަންގެ ފަރާތުން ފާހަގަކުރާ، "ޑޭ އޮފް ދަ ސީފެއަރަރސް" ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
ދުވަހާއި ގުޅުވައި ވަޒީރު މުޙައްމަދު އަމީން ދެއްވި ޚިޠާބުގައި މިއަހަރުގެ ޝިޢާރުގެ މައްޗަށް ވަނީ އަލިއަޅުވާފައެވެ. އަދި ދުވަހުގެ ތަހުނިޔާ ކަނޑު އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އަދި ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކައް، ވަޒީރު ވަނީ ފޮނުއްވަވާފައެވެ.
މިއަހަރު ދުވަހުގެ ޝިޢާރުގެ ގޮތުގައި އައިއެމްއޯއިން ކަނޑައަޅާފައިވަނީ، "ފުރައްސާރައިން އެއްކިބާވެފައިވާ އަހަރެންގެ އުޅަނދު" މި ޝިޢާރެވެ. ވަޒީރު އަމީން ވިދާޅުވީ ކަނޑުދަތުރުވެރިންނަކީ، ދުނިޔޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށެވެ. މިގޮތުން ކާބޯތަކެއްޗާއި އަސާސީ އެތައް މުދަލެއް އެއް ޤައުމުން އެނެއްޤައުމަށް މި ބޯޓުތަކުގައި އުފުލައިދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިސްއޫލިއްޔަތު ކޯވިޑު ފަދަ ނާޒުކު ދަނޑިވަޅުގައިވެސް އެފަރާތްތައް އަދާކޮށްދިންކަން ވަޒީރުގެ ހިޠާބުގައި ވިދާޅުވިއެވެ.
މިދައިރާގެ މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއީ ކެތްތެރިކަމާއި ހުނަރު ބޭނުންވާ ދާއިރާއެއް ކަމަށެވެ. އެކަހެރި މާހައުލެއްގައި މަސައްކަތް ކުރަމުންދާ ސީމަނުންނަށް، އެހީތެރިކަމާއި އަޅާލުން ލިބޭނެ މާހައުލެއް ޤާއިމްވެފައި އޮތުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ އެކި ގޮތްގޮތުން ކުރެވޭ ފުރައްސާރައަކީ، ކަނޑުދަތުރުފަތުރުގެ ޕްރޮފެޝަނަލިޒަމްގެ އަސްލަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.
ފުރައްސާރައިން އެއްކިބާވެފައިވާ އުޅަނދެއް ޔަގީން ކުރުމަކީ ހަމައެކަނި އަޚްލާޤީ ގޮތުން ކުރަންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން،، ކަނޑުދަތުރުވެރިންނަށް ރައްކާތެރިކަމާއި، އިޙްތިރާމާއި އަދި އަގުވަޒަންކުރެވޭކަން އިޙްސާސްކުރެވޭނަމަ، އެމީހުންގެ އުފެއްދުންތެރިކަން އިތުރުވެ، މަސައްކަތުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރަނގަޅަށް ތައްޔާރުވެފައި ތިބޭ ބަޔަކަށް ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މިއަހަރުގެ ޝިޢަރަކީ ހަމައެކަނި ކަނޑުދަތުރުވެރިންނަށް އަމާޒުވާ ޝިޢާރެއް ނޫންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މުޅި ސިނަޢަތައް ޝިޢާރު އަމާޒުވާކަން ފާހަގަކޮށް ވަޒީރު އަމީން ވިދާޅުވީ ހަރުދަނާ ސިޔާސަތުތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ރިޕޯޓުކުރުމުގެ ނިޒާމުތަކާއި އަދި އަވަސް އަދި އިންސާފުވެރި ފިޔަވަޅު އެޅުމުގެ ނިޒާމުތައް ޤާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްގަމަށް ފޭބުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެފަރާތްތަކަށް ދޭންޖެހޭ ސިއްޙީ ފަރުވާއާއި އެގްރީމެންޓާ އެއްގޮތަށް ޢަމަލުކުރުމަކީ އުޅަނދުފަހަރުގެ ވެރިފަރާތުން ކޮށްދޭންޖެހޭ ކަންތައްތައްތަކުގެ ގޮތުގައި މެރިޓައިމް ދާއިރާ ހަވާލުވެ ހުންނެވި ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި ކަންތައްތަކަށް ސަމާލުކަންދީ ކަނޑުދަތުރުވެރިންގެ ޙައްގުތަށް ކަށަވަރުކޮށްދިނުމަށް އުޅަނދުފަހަރުގެ ވެރީންނާއި އޮޕަރޭޓަރުންނަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ދުނިޔޭގެ ސީފެއަރަރާސް ދުވަސް ނުވަތަ ކަނޑުދަތުރުވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.