ޚަބަރު

ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އަލްޖީރިއާއާއެކު މަޝްވަރާކުރައްވައިފި


  • އަލްޖީރިއާ ސަފީރު، މަޤާމުގެ ފަތްކޮޅު ރައީސަށް ވަނީ އަރުވާފައި

  • 2 ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން، ބަދަހިކުރުމަށް މަޝްވަރާކުރެއްވި

ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އަލްޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަބްޑެނަރ ޚެލެފީއާއެކު މަޝްވަރާކުރައްވައިފިއެވެ.

އަލްޖީރިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އަބްޑެނަރ ޚެލެފީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

އަލްޖީރިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ސަފީރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން، ބަދަހިކުރުމާ ބެހޭ ގޮތުންނާއި، ދޭދޭ މަސްލަހަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އަދި އިސްލާމީ އިލްމުވެރިންނާއި ޤުރުއާން ކިޔަވާ މީހުންނަށް އަލްޖީރިއާގައި ތަމްރީނު ލިބުމަށް އޮތް ފުރުޞަތުތަކާމެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، އަލްޖީރިއާގެ ސަފީރު ވަނީ، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ތަޢުރީފު ކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އަލްޖީރިޔާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުއެވެ.