ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުން ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


  • މިއީ ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެއް

  • ސިއްހީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަންވެސް ކުރިއަށްދާނެ

ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އައިޖީއެމްއެޗްއިން ވިދާޅުވީ، ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއެކު ވެފައިވާ މި އެއްބަސްވުމަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.


މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.

ޗައިނާގެ ހޮސްޕިޓަލަކާއެކު ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، ވިލިމާލޭގައި ސަރުކާރުން ތަރައްޤީކުރާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ މަޝްރޫޢަކީވެސް ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.