ޚަބަރު

އާއްމު ދަތުރުފަތުރަށް ދަތިވާގޮތަށް ބޮޑުތަކުރުފާނު މަގުގައި ޕާކުކުރާނަމަ ފިޔަވަޅުއަޅަނީ


  • އެހެން ހުންނަ އުޅަނދުތައް ޓޯވކުރުމަށްފަހު އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރުފަހުން

  • އެގޮތަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ

ބޮޑުތަކުރުފާނު މަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވކޮށް، ފިޔަވަޅު އަޅަނެކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމުގެ މަސައްކަތްތައް މިހަރު ކުރަމުންދާކަމަށެވެ. އެމަސައްކަތުގެ ތެރެއިން، ހެންވޭރު ކޮޅު ހިތިގަސްމަގުގެ ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނުމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ފުލުހުން ވިދާޅުވީ އެގޮތަށް ޕާކްކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެކަމަށާއި، އެހެން ހުންނަ އުޅަނދުތައް ޓޯވކުރުމަށްފަހު އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރުފަހުންކަމަށެވެ.

ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މާލޭގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންނަށް ދެއްވާ އެއްބާރުލުން ފުލުހުން ފާހަގަކުރައްވައެވެ.