ޚަބަރު

ޖެމްކިއު ނަމުގައި ހިންގަމުން އަންނަ ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭ ގޮތް ހަދައިފި


  • ފައިސާ ނުނެގޭ ގޮތް ހެދީ އެމެރިކާ އިދާރާތަކުން ތަހުޤީޤުކުރާ ކަމަށް ބުނެ

  • މިއީ އޮޅުވައިލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައި

  • ސްކީމް ޕްރޮމޯޓް ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ

އެމެރިކާ ސަރުކާރުގެ ތަހުޤީޤަކާއި ހެދި ފައިސާ ނެގުން މެދުކެނޑިފައިވާ ކަމަށް ބުނެ، ޖެމްކިއު ނަމުގައި ހިންގަމުންދާ ޕިރަމިޑް ސްކީމުން ފައިސާ ނުނެގޭގޮތް ހަދައިފިއެވެ.

ޖެމްކިއު ނަމުގައި އޭއައި ބޭނުންކޮށްގެން ޓްރޭޑް ކުރެވޭ ސްކީމެއް ކަމަށް ހަދައި، ކުރިއަށް ގެންދަނީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

މި ސްކީމުގައި ދިވެހިންގެ ތެރެއިން ގާތްގަނޑަކަށް ބައިލައްކައެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް، އެ ސްކީމުގެ ޓެލެގްރާމް ގްރޫޕުން އެނގެއެވެ. ޖެމްކިއުގެ ފަރާތުން ފައިސާ ނުނެގޭ ގޮތް ހަދައި، އެމެރިކާގެ ސެކިއުރިޓީސް އެކްސްޗޭންޖް ކޮމިޝަންގެ ތަތްގަނޑުގެ ޖަހާފައިވާ ސިޓީއެއްވެސް ވަނީ އާންމުކޮށްފައެވެ. ނަމަވެސް މި ސިޓީ އެމެރިކާގެ އިދާރާތަކުގައި ބޭނުންކުރާ މިންގަނޑުތަކާއި އެއްގޮތަށް ހުރި ސިޓީއެއް ނޫނެވެ. އަދި މިއީ ފޭކު ލިއުމެއް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޖެމްކިއުން އިން ފައިސާ ނުނެގޭ ގޮތް ހަދައި، ބުނެފައިވަނީ އެމެރިކާގެ އިދާރާތަކުން ކުރަމުންދާ ތަހުޤީޤަކާއި ގުޅިގެން ފައިސާ ހޯލްޑް ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނުޖެހޭނަމަ ފައިސާ ލިބޭނެ ކަމަށެވެ.

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ (ކްރިޕްޓޯކަރަންސީ) ބޭނުންކޮށްގެން އިންވެސްޓްކުރެވެއެވެ.

މި ސްކީމާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިނ،ް މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަންވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަނަގައިގެންނެވެ. އެހެންނަމަވެސ،ް ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫންކަމަށާއި މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.

ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތްތަކުގެ އަލީގައ،ި ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާކަމަށް މިނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މިސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގ ކުރާކަމަށް ދެއްކި ނަމަވެސް، އެއީ އޮޅުވާލުމެއްކަމަށްވެސް ނޫސް ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުނ،ް މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ފުލުހުން ފާހަގަކުރައްވައެވެ. ފުލުހުންނާއި ސީއެމްޑީއޭއިން ވަނީ ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން މި ސްކީމް ހިންގައ،ި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެކަމަށްވެސް ނޫސްބަޔާނުގައި ވިދާޅުވިއެވެ.