މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި އެކި ޑިސްޓްރިކްޓްތައް ހިމެނޭހެން ހާހަކަށްވުރެ ގިނަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބައިވެރިވެފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން. ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޒިޔާއު ވިދާޅުވެއްޖެއެވެ.
ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޒިޔާއު ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް މީގެ 80 އަހަރު ކުރިން ވަރަށް ކުޑަގޮތަކަށް ފެށި މި މައުރަޒު، މިއަދު މުޅިން އެހެން ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މައުރަޒުގައި ވާދަކުރުމުގެ ބައިގައި 308 ވިޔަފާރިވެރިން ބައިވެރިވިއިރު، މިއަހަރު އެ އަދަދު ވަނީ 780އަށް އަރާފައެވެ. މިދިޔަ އަހަރު 3،600 ހުށައެޅުން ވަނީ ހުށައަޅާފައެވެ. އަދި މިމަހު ފަށާ، މިއަހަރުގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6،000 އަށްވުރެ ގިނަ އުފެއްދުން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވެއެވެ.
ޒިޔާއު ވިދާޅުވީ، މިއަހަރުގެ މައުރަޒުގައި އުސޫލަށް ގެނައި އެންމެ ބޮޑު ބަދަލަކީ، ސީދާ އެ އުފެއްދުމެއް އުފައްދާ އުފެއްދުންތެރިޔާގެ ނަމުގައި މެނުވީ، އުފެއްދުން ބައިވެރި ނުކުރެވޭގޮތް ހެދުން ކަމަށެވެ. މިއީ، ސިދާ އެ އުފެއްދުމުގެ އުފެއްދުންތެރިޔާ ރަމްޒުކޮށްދިނުމަށް ގެނައި ބަދަލެކެވެ.
"ބޭނުންވަނީ އެ އުފެއްދުމެއް އުފެއްދި މީހާ ޕްރޮމޯޓްވާން. އޭރުން އަމިއްލަ ވިޔަފާރިތައް ފަށާއިރު، އެކަމަށް މަގު ފަހިވާނީ. މިއަހަރުގެ މައުރަޒުވެގެންދާނި، އެންމެ ފުރިހަމަ އަދި މިފަދަ އެންމެ ބޮޑު މައުރަޒަށް." ބީސީސީގެ މެނޭޖިން ޑިރެކްޓަރ ޒިޔާއު ވިދާޅުވިއެވެ.
މިއަހަރުގެ އެންމެ ބޮޑު ތަފާތަކަށްވާނީ އަލަށް އިތުރުކުރަން ނިންމި، ވިސިޓަރ އިކޮނޮމީ ޑިސްޓްރިކްޓާއި އިންޓަރނޭޝަނަލް އެގްޒިބިޓަރސް ޑިސްޓްރިކްޓެވެ. ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭ މި ފުރުޞަތާ ގުޅޭގޮތުން ޒިޔާއު ވިދާޅުވީ، މީގެ އެންމެ ބޮޑު ބޭނުމަކަށްވަނީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް، ބޭރުގެ މާކެޓުތަކާ ގުޅުވައިދިނުން ކަމަށެވެ.
ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓުގައި ހުންނާނީ، ލޯކަލް ޓުއަރިޒަމްގެ ޚިދުމަތްތައް ދޭ ރަށްތަކާއި ދޭ ޚިދުމަތްތައް ޕްރޮމޯޓް ކުރުމުގެ ފުރުޞަތެވެ. މިއީ ފަތުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރުގެ މައުރަޒުގައި ނުލިބޭ ފުރުޞަތެކެވެ.
އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓްގެ ބޭނުމަކަށްވަނީ، އައު އިޖާދީ ވިސްނުންތަކަށް ފުރުޞަތުދީ، ދިވެހި ވިޔަފާރިތަކާއި ބޭރުގެ މާކެޓުތައް ގުޅުވައިދިނުން ކަމަށް ޒިޔާއު ވިދާޅުވިއެވެ.
"އެފަރާތްތަކާ ގުޅުން ބަދަހިކޮށް، ދިވެހި އުފެއްދުންތައް އިންޓަރނޭޝަނަލް މާކެޓުގައި ފުރުޞަތުތައް މީގެ ސަބަބުން ފަހިވާނެ. މިހާރު ވަރަށް މަދު އިންޓަރނޭޝަނަލް މާކެޓަށް ދާ ދިވެހިންގެ އުފެއްދުންތައް. އެހިސާބަށް ދެވިގެން އިކޮނޮމިކް ބޫސްޓްވާނީ. ދިވެހިންނަށް ދިން ފުރުޞަތު ހޯދައިދޭން މިސްރާބު މިހުރީ." ޒިޔާއު ވިދާޅުވިއެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 7 ޑިސްޓްރިކްޓް ހުންނާނެއެވެ. ވާދަކުރުމުގެ ބައި ހިމެނޭހެން 1000 އަށްވުރެ ގިނަ ވިޔަފާރިތަކުގެ އުފެއްދުންތައް މިއަހަރުގެ މައުރަޒުން ފެންނާނެއެވެ.
މައުރަޒު 9 ދުވަހަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ކުރިއަށްދާނީ، މިމަހުގެ 25އިން ފެށިގެން ނޮވެމްބަރު 2ގެ ނިޔަލަށެވެ.