ހދ. އަތޮޅު ކައުންސިލްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްވައިފިއެވެ.
ނައިބު ރައީސް މިކަމުގެ ޔަޤީންކަން ދެއްވީ ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމާއި އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ޤާއިމުކުރަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ކުޅުދުއްފުށީ އެއަރޕޯޓަށް ކުރާ ދަތުރުތައް މަދުވުމުން ދިމާވާ ދަތިތައްވެސް މެންބަރުން ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައްވެސް އަތޮޅު ކައުންސިލްގެ މެންބަރުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން އިޤުތިޞާދީ ގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވައި، އަތޮޅުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހދ. އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.