ޚަބަރު

ފޯރ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި، 68 ޒުވާނުން ދަސްވެނިވެއްޖެ


  • 19 ޒުވާނަކަށް މި ދާއިރާއިން އިތުރު އެއް އަހަރު ކިޔެވުމުގެ ފުރުސަތު ވަނީ ދީފަ

  • 2026ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 73 ޒުވާނުން ވަނީ ގުޅިފަ

ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ 68 ދަރިވަރަކު ދަސްވެނިވެއްޖެއެވެ. އެއްއަހަރު ދުވަހުގެ މި ޕްރޮގްރާމުގައި ތަފާތު އެކި ދާއިރާތަކުން ޒުވާނުން ވަނީ ތަމްރީނުކޮށްފައެވެ.

މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް މި ދާއިރާގައި މަސައްކަތް ކުރާނެ ޒުވާނުންތަކެއް ބިނާކުރުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. އަދި ވަޒީފާގެ މާޙައުލުގައި މަސައްކަތްތައް އަދާކުރުމުގައި ތަޖުރިބާކާރުންގެ ފަރާތުން ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމަކީ މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަޤްސަދެކެވެ.

2025ވަނަ އަހަރުގެ ފޯރ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 68 ޒުވާނުން ވަނީ ނިންމާލާފައެވެ. އަދި ޕްރޮގްރާމް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ކޮލެޖް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ ޑީން ޑރ. އަޙްމަދު ރިޔާޒް ޖައުހަރީއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެމްއެންޔޫގެ ކޮލެޖް އޮފް އޯޝަން އެންޑް ފިޝަރީޒް ރިސޯސަސްގެ ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ، މިފަދަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގެ ސަބަބުން އޭގެ މަންފާ ލިބިގެންދަނީ ހަމައެކަނި ރިސޯޓުތަކަށް ނޫންކަމަށާއި، އޭގެން މުޅި ޤައުމަށްވެސް އެކި ގޮތްގޮތުން ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑުބައެއް ހިއްސާކުރާ ސިނާއަތް. ވުމާއެކު މިފަދަ އެޕްރެންޓީސްޝިޕް ޕްރޮގްރާމުތަކުގެ ސަބަބުން މި ދާއިރާއިން ޒުވާނުން ބިނާކުރެވުމުން ޤައުމުގެ އިޤްތިޞާދު ހަމަ ޔަޤީނުންވެސް އެހެން ހަރުފަތަކަށް ގެންގޮސްދޭނެ" ޑީން ޑރ. އަހްމަދު ރިޔާޒް ޖައުހަރީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ލަނޑާގިރާވަރުގެ ޖެނެރަލް މެނޭޖަރ އާމަންޑޯ ކްރީޒްލިން ވަނީ ޒުވާނުން ބާރުވެރިކޮށް މި ދާއިރާއިން ގިނަ ޒުވާނުންތަކެއް ބިނާކުރުމަށް އެ ރިސޯޓުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

"ފޯރ ސީޒަންސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާތާ މިހާރު 25 އަހަރު ވެއްޖެ. މި ޕްރޮގްރާމް ހީވާ ވަރަށްވުރެވެސް ކާމިޔާބު. މި ޕްރޮގްރާމު ފެށީއްސުރެ މިހާތަނަށް 997 ޒަވާނުން އަހަރެމެންނަށް މިވަނީ ތަމްރީނުކުރެވިފަ." ޖީއެމް އާމަންޑޯ ކްރީޒްލިން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ސަބަބުން ތަފާތު ކަންކަމާއި ބެހޭގޮތުން އިލްމީ އަދި ޢަމަލީ ތަޖުރިބާތަކެއް ލިބިގެންދިޔަކަމަށް މި ޕްރޮގްރާމް ނިންމި ދަރިވަރުން ފާހަގަކުރެއްވިއެވެ.

68 ޒުވާނުން، ފޯރ ސީޒަންސް ރިސޯޓް މޯލްޑިވްސްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލާފައިވާއިރު، މީގެ ތެރެއިން 19 ޒުވާނަކަށް މި ދާއިރާއިން އިތުރު އެއް އަހަރު ކިޔެވުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި މީގެ އިތުރުން 2026ވަނަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ގުޅުނު 73 ޒުވާނުންނަށްވެސް މި ރަސްމިއްޔާތުގައި ވަނީ މަރުހަބާކިޔާފައެވެ.