ޚަބަރު

ޖޮކޮވިޗް ބަލިކޮށް ސިނާ ފައިނަލަށް


ފްރާންސްގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ސާރބިޔާގެ ނޯވަކް ޖޮކޮވިޗް ބަލިކޮށް އިޓަލީގެ ޔަނިކް ސިނާ ހޯދައިފި އެވެ.

ކުރިން ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ހުރި އުމުރުން 38 އަހަރުގެ ޖޮކޮވިޗް މި މުބާރާތާއި ކުރިމަތިލާފައިވަނީ 25 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށެވެ. ނަމަވެސް މިހާރު ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސިނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މި މެޗު ހައެއް ހަތަރެއް, ހަތެއް ފަހެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރު ހެދި ތިން ޑޯޕިން ޓެސްޓަށްވެސް ޕޮޒިޓިވްވެ ޕްރޮބޭޝަނަލް ސަސްޕެންޝަނެއްގައި ހުރެ މުބާރާތްތަކުގައި ވާދަކޮށް އަދި އޭގެ އެ ފަހުން އެމައްސަލަ ދުނިޔޭގެ އެންޓި ޑޯޕިން އެޖެންސީ އިން ބަލަން ފެށުމުން އެކަމަށް އެއްބަސްވެ ސިނާއަށް ވަނީ ތިން މަސް ދުވަހުގެ ސަސްޕެންޝަނެއް އައިސްފަ އެވެ.

އަދި މި މައްސަލައިގައި ދުނިޔޭގެ ޓެނިސް ފެޑަރޭޝަނުން އަމަލު ކޮށްފައިވަނީ އެންމެ ރަގަޅު ގޮތަށް ނޫން ކަމަށާއި ކުޅުންތެރިންނާއިމެދު ހަމަހަމަ އުސޫލެއް ނުގެންގުޅޭ ކަމަށްބުނެ އެކަމަށް މީގެ ކުރިން ޖޮކޮވިޗް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ކާލޯސް އަލްކަރޭޒް އެވެ. އޭނާ އަށް ފައިނަލުގެ ޖާގައެއް ލިބިފައިވަނީ ސެމީ ފައިނަލުގައި އިޓަލީގެ ލޮރެންޒޯ މުސޭޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ހަތަރުވަނަ ސެޓުގައި މުސޭޓީ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ މެޗު ދޫކޮށްލުމުންނެވެ.