ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ސިންގަޕޫރާ ދެކޮޅަށް ނުކުންނަ މެޗަކީ މުހިންމު މެޗެއް ކަމަށާއި، މި މެޗުން މޮޅުވުން މުހިންމު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު އައިސަމް އިބްރާހީމް ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އައިސަމް ބުނީ ސިންގަޕޫރަކީ ރަނގަޅު ޓީމެއް ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ މެޗުތަކުގައި ރާއްޖެއަށް ރަނގަޅު ނަތީޖާއެއް ނުލިބުނު ނަމަވެސް، އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ނުކުތުމުގެ ކުރިން ސިންގަޕޫރާ ދެކޮޅަށް ކުޅެ މޮޅުވުން މުހިންމު ކަމަށެވެ.
އައިސަމް ބުނީ މި މެޗަކީ މުހިންމު މެޗެއް ކަމަށްވުމުން ކުޅުންތެރިން ތިބީ ސިންގަޕޫރު މެޗު ވަރަށް ސީރިއަސްކޮށް ނަގައިގެން ކަމަށެވެ. އެހެންކަމުން ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް، މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ސިންގަޕޫރުގެ ބިޝަން ސްޓޭޑިއަމްގައި ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 16:30 ގައެވެ.