ޚަބަރު

ފަހަތުން އަރާ އާސެނަލްއިން ޗެލްސީ ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މޯގަން ރޮޖާރސް އެވެ.

ޗެލްސީ އިން ލަނޑު ޖަހާ ލީޑު ނެގި ނަމަވެސް އާސެނަލް އިން ވަނީ މި މެޗުގައި ރަގަޅު ކުޅުމެއް ދައްކާ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. އާސެނަލްގެ މެދުތެރެއިން ރަގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު ޗެލްސީގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފައެވެ.

އާސެނަލް އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ކައި ހަވާޓްޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ހަވާޓްޒް މި ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ ރިކާޑޯ ކަލަފިއޯރީ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އޭނާ ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ ކޮންސާ އޮފްސައިޑް ވެފައިވާކަމަށް ބުނެ އެ ނިންމުން ބަދަލުކޮށްފައެވެ.

މި މެޗުގައި އާސެނަލް އިން ލީޑު ނަގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މާޓިން އޮޑެގާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އާސެނަލް އިން ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލު ކުރުމުގެ ކުރިން ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ފޮނުވާލި ބާރު ހަމަލައެއް ޑޭވިޑް ރާޔާ މަތަކޮށްފައިވާއިރު, ޕެޑްރޯ ނެޓޯ ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވެފައިވަނީ އާސެނަލްގެ ގޯލުގެ ދަނޑިއަށެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ބްރެޒިލްގެ އެސްޓެވާއޯ ފޮނުވާލި ނުރައްކާތެރި ހަމަލާވެސް ގޯލުކީޕަރު ރާޔާ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްފައެވެ.

އާސެނަލް އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓް ލިބިފައެވެ. ޗެލްސީ އަށް ލިބިފައިވަނީ ތިން މެޗުން 6 ޕޮއިންޓެވެ.