ޚަބަރު

ލ. އަތޮޅުގައި ބޭއްވި އޭއެފްސީ ސީ ލައިންސަންސް ކޯސް ނިންމާލައިފި


މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއިން ލ. ފޮނަދޫގައި ކުރިއަށްގެންދިޔަ އޭއެފްސީ "ސީ" ލައިސަންސް ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ލ. އަތޮޅު ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދިޔަ މި ކޯހުގައި ކިޔަވައިދިނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ މުހައްމަދު ޝާޒްލީ އާއި އަލީ ނިސްތާރު މުހައްމަދެވެ. މި ކޯހުގައި 32 މީހުން ބައިވެރިވިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނީ ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓުން ކުރިޔަށް ގެންދިޔަ މި ކޯހަކީ އަންނަ އޮތް ޖީލުގެ ފުޓްބޯޅަ ކޯޗުން ކުރިއަރުވާ ބާރުވެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފުޓްބޯޅަ ކޯޗުން ތަމްރީނުކުރުމަށް ދާދިފަހުން ވަނީ ކ. އަތޮޅުގައިވެސް މިފަދަ ކޯހެއް ކުރިޔަށް ގެންދިޔައެވެ. ކޯޗުން ތަމްރީނު ކުރުމަކީ ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.