ޚަބަރު

"ކަރަންޓު ކެނޑުނަސް އައިޖީއެމްއެޗާއި ދަރުމަވަންތައިން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތައް މެދުނުކެނޑޭ"


  • ކަރަންޓު ދިއުމާއެކު ވަގުތުން ބެކަޕް ޖެނެރޭޓަރުތަކުން ކަރަންޓުދޭން ފެށި

  • މެންދުރު 12:30 ހާއިރު މުޅި މާލެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައި

ކަރަންޓު ކެނޑުނަސް ބަލި މީހަކަށް ދޭންޖެހޭ ފަރުވާގެ އެއްވެސްކަމެއް މެދުކެނޑިފައިނުވާކަމަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުލް ރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު 12:30 އެހާ ކަންހާއިރު މުޅި މާލެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވީ ވިލިނގިލީ ހޮސްޕިޓަލް ފިޔަވައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގައި ހިމެނޭ ހުރިހާ ތަނަކުން ކަރަންޓު ގޮސްފައިވާ ކަމަށެވެ. ކަރަންޓު ދިއުމާއެކު ވަގުތުން ބެކަޕް ޖެނެރޭޓަރުތަކުން ކަރަންޓުދޭން ފަށާފައިވާކަމަށް ޢަބްދުލްރައްޒާޤު ވިދާޅުވިއެވެ.

ޢަބްދުލްރައްޒާޤު ވިދާޅުވީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ލިބެން ފެށި ނަމަވެސް، ކަރަންޓު އެއް މިނެއްގައި ނުހިފަހައްޓާ ކަމަށެވެ. އެެހެންކަމުން ކަރަންޓު އެންމެ ބޮޑަށް ބޭނުންވާ ތަންތަނަށް ބެކަޕް ޖެނެރޭޓަރުތައް ބޭނުންކޮށްގެން ކަރަންޓު ދެމުންގެންދާކަމަށް ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ޢަބްދުލްރައްޒާޤު ޙަލީމް ވިދާޅުވީ ކަރަންޓު ދިނުމާ ގުޅިގެން ފޯރުކޮށްދޭންޖެހޭ ފަރުވާއަކަށް އެއްވެސް ބުރުލެއް އަރާފައިނުވާ ކަމަށެވެ. އަދި ޖެނެރޭޓަރުތަކުން ކަރަންޓު ދެމުންގެންދާތީ ކަރަންޓު މެދު ކެނޑުމުގެ ހާސްކަން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ އެކިއެކި ސަރަހައްދުތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓު ދޭން ފަށާފައެވެ. ކަރަންޓު ލިބުނު ނަމަވެސް، އެއް މިނެއްގައި ކަރަންޓު ނުހިފަހައްޓާކަމަށް ގިނަ ގޭބިސީތަކުން މަޢުލޫމާތު ލިބެއެވެ.