ޚަބަރު

"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" އުފައްދަވައިފި


  • މިއީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް

  • މި ކުންފުންޏަށް އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފިއެވެ.

މި ކުންފުނި އުފައްދަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤުސަދަކީ ދިވެހި ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސްއާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގގެ ޚިދުމަތްތައް ހިމެނޭ މާލީ ޚިދުމަތްތަކުގެ ސިނާއަތު ކުރިއަރުވައި، ބައިނަލްއަޤުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10 ރުފިޔާގެ 100،000،000 (ސަތޭކަ މިލިޔަން) ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 1،000،000،000 (1 ބިލިޔަން) ރުފިޔާއެވެ. މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ.

ރާއްޖޭގެ މާލީ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކޭއް އުފެއްދެވުމާއި ރާއްޖޭގެ ފައިނެންސް ސެންޓަރެއް އުފެއްދެވުން ފާހަގަކޮށްލެވެއެވެ. އަދި ހުޅުމާލޭގެ އައު މާސްޓަރޕްލޭންގައި މާލީ ކަންކަމަށް ޚާއްސަ ޑިސްޓްރިކްޓެއްވެސް ކަނޑައަޅާފައިވެއެވެ.