ޚަބަރު

ކުޅުދުއްފުށި ސިޓީގައި ބެހެއްޓި 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބޭނުންކުރަން ފަށައިފި


  • ކުޅުދުއްފުށީގައި ބޭނުންކުރަމުން އަންނަ ކަރަންޓް ކެޕޭސިޓީއަކީ 6 މެގަވޮޓް

  • އަލަށް ޤާއިމުކުރި ޖަނަރޭޓަރާއެކު ކެޕޭސިޓީ 10.4 މެގަވޮޓަށް އިތުރުވެގެންދާނެ

ކުޅުދުއްފުށި ސިޓީގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއާއެކު އެސިޓީގެ ކަރަންޓު ކެޕޭސިޓީ 10 މެގަވޮޓަށް އިތުރުވެގެންދާނެކަމަށެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ހުރި ދުވަސްވީ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. އާބާދީ ކުދި ރަށްރަށާއި އާބާދީ ބޮޑު ސިޓީތަކުގައިވެސް މިމަޝްރޫޢުގެ ދަށުން އިންޖީން އިންސްޓޯލް ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގައި މިހާރުވަނީ 1.2 މެގަވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށްފައެވެ. މިއާއެކު ކުޅުދުއްފުށީގައި ކުރިން ހުރި 9.2 މެގަވޮޓްވަނީ 10.4 މެގަވޮޓަށް އިތުރުވެފައެވެ.

ކުޅުދުއްފުށީގައި އިތުރުވަމުންދާ އާބާދީއާއެކު ކަރަންޓަށް އޮންނަ ޑިމާންޑު އިތުރުވަމުންދާކަމަށް ފެނަކައިން ވިދާޅުވެއެވެ.

ކުޅުދުއްފުށީގައި މިހާރު ބޭނުންކުރަނީ ކުރީގެ އިންޖީނުތަކެކެވެ. އަދި ކުޅުދުއްފުށީގައި ހުރީ 1998ވަނަ އަހަރު ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އޭރުގެ ނިސްބަތުން ތަރައްޤީކޮށްފައިވާ އިންޖީނުގޭގައި އައު އިންޖީނުތައް ބެހެއްޓުމަށްވަނީ ދަތިވެފައެވެ. އެހެންކަމުން ބައުވެފައިވާ އިންޖީނުތަކުގެ ބަދަލުގައި އައު އިންޖީނުތައް ޤާއިމުކޮށް ކެޕޭސިޓީވަނީ އިތުރުކޮށްފައެވެ. ކުޅުދުއްފުށީގައި މިހާރު 10 އިންޖީނު އަންނަނީ ބޭނުންކުރަމުންނެވެ.

ފެނަކައިން ވިދާޅުވީ، މިހާރު ބޭނުން ކުރަން ފެށި ޖަނަރޭޓަރާއެކު މެދުވެރިވެދާނެ ހާލަތެއްގައި ބެކް-އަޕް ޖަނެރޭޓަރެއްގެ ގޮތުގައި އެޖަނަރޭޓަރު ބޭނުންކުރެވޭނެކަމަށެވެ.

ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ލ.ކަލައިދޫގައިވެސްވަނީ 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ. ގދ.މަޑަވެލީގައި 160 ކިލޯވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ބޭނުންކުރަން ފަށާފައިވާއިރު އަދި ހއ.މޮޅަދޫގައިވަނީ 250 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ.