ނަރުހުންގެ ޚިދުމަތްތައް ފުރިހަމަކުރުމުގެ މަޤުޞަދުގައި ނަރުހުން ހަދާފައިވާ ދިރާސާތައް ހުށައެޅުމަށް ޚާއްސަ ކޮންފަރެންސެއް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްއިން ބާއްވައިފިއެވެ.
"ސާސްތުރަ"ގެ ނަމުގައި ބޭއްވި މި ކޮންފަރެންސްގައި 7 ނަރުހަކު ދިރާސީ ހުށައެޅުންތައް ހުށައެޅިއެވެ.
ސާސްތުރަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޞިއްޙީ ވުޒާރާގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ ޢުޘްމާން ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދެނެގަނެވިފައިވާ ހައްލުތައް ނަރުހުންގެ ޚިދުމަތުގައި ބޭނުންކުރުމުގެ މަގު ފަހިވާނެ ކަމަށެވެ.
ތަސްލީމާ ވަނީ ނަރުހުން ޚިދުމަތް ދިނުމުގައި ވިސްނަންޖެހޭ ބައެއް ކަންކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕޭޝަންޓް-ސެންޓަރޑް ނިޒާމަކަށް ފަރުވާ ދިނުން ބައްޓަންކުރަންޖެހޭކަަމަށް ތަސްލީމާ ވިދާޅުވިއެވެ. އަދި މަދު ވަޞީލަތްތަކާއި މުވައްޒަފުން މަދުވި ނަމަވެސް، ފުރިހަމަކަމާއެކު ޚިދުމަތް ދެވޭނެ މަގުތައް ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ތަސްލީމާ ވިދާޅުވިއެވެ.
"ޚިދުމަތްތައް ރަނގަޅުކުރެވޭނީ ޚިދުމަތް ދިނުމުގައި މައްސަލަތައް ހުރިކަން ޤަބޫލުކޮށްގެން. ހުރި ވަޞީލަތްތަކާއި ވަގުތު ވީވަރަކުން އިސްރާފުނުކުރެވޭތޯ ބަލަންވާނެ. އަދި ބަލި މީހާ ބޭނުންވާ ކަންކަން ދެނެގަތުން ވަރަށް މުހިންމު. ބަލި މީހާއާއި ތިމާއާ ދެމެދު އިތުބާރުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ޤާއިމުކުރަންވާނެ." ތަސްލީމާ ވިދާޅުވިއެވެ.
ސާސްތުރަ ކޮންފަރެންސާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކްލިނިކަލް ނަރސް ޢައިޝަތު ހަނާން މުޙައްމަދު ދީދީ ވިދާޅުވީ މި ކޮންފަރެންސް އަހަރަކު އެއް ފަހަރު ބޭއްވޭނެ ކަމަށެވެ. އަދި އަމާޒަކީ ދިރާސާތައް ހުށައެޅުމަށް ވީހާވެސް ގިނަ ނަރުހުންނަށް ކުރިއަށްއޮތްތަނުގައި ފުރުޞަތު ދިނުންކަމަށް ހަނާން ވިދާޅުވިއެވެ.
"ކޮންފަރެންސްގެ ހަމަ އެންމެ ބޮޑު އެއް މަޤުޞަދަކީ ނަރުހުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން" ހަނާން ވިދާޅުވިއެވެ.
މި ކޮންފަރެންސްގެ ތެރެއިން ވަނީ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި ވަނީ ނަރުހުންނަށް ދިމާވާ އެކި ދަތިތަކާއި މައްސަލަތަކާއި އޭގެ ހައްލުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޕެނަލް ޑިސްކަޝަނަށްފަހު އެކިއެކި ފަރުވާތަކާ ގުޅޭ ދިރާސާތައް ނަރުހުން ހުށައެޅިއެވެ. މި ހުށައެޅުންތަކުގައި ކެންސަރު ބައްޔާއި މާބަނޑު މީހުންނަށްޖެހޭ އެކި ބަލިތަކާއި އިންފްލުއެންޒަރ ވެކްސިން ޖެހުމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތައް ހުށައެޅިއެވެ.