ޚަބަރު

މަރޮށީގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި


  • މަރޮށީގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ވަޒީރު އާދަމް ޝަރީފް

  • މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް އޭޓީއެމެއް

ށ. މަރޮށީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

މަރޮށީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަރޮށީގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމް ހުޅުވައިދެއްވުމަށްފަހު ބީއެމްއެލްއިން ވަނީ މަރޮށީ ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ބޭންކިންގެ ޚިދުމަތްތައް އަމިއްލަ ރަށުން ފޯރުކޮށްދޭން ރައްޔިތުން އެދެމުންދާ ކަމަށެވެ. އަދި މި މަސައްކަތް ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށުމާއެކީގައި ބޭންކިންގެ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލެއް އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މަރޮށީގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ.

ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، އިއްޔެ ވަނީ އޭގެ ތެރެއިން 5 ރަށެއްގައި ޚިދުމަތް ޤާއިމުކޮށްފައެވެ. މި ބުރު ނިމޭއިރު، މި އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެވޭނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.