ށ. ފޭދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.
ފޭދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައި ދެއްވީ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފޭދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމުގެގޮތުން ވަޒީރު އާދަމް ޝަރީފް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ބީއެމްއެލްގެ ފަރާތުން ފޭދޫ ކައުންސިލަށް ހަނދާނީ ފިލައެއްވެސް ދެއްވިއެވެ.
އޭޓީއެމްގެ ޚިދުމަތް ފެށުމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރައްޔިތުންނާ ގާތުން އަސާސީ ޚިދުމަތްތައް ދެއްވުމަކީ ރައީސް މުޢިއްޒުގެ ވަޢުދެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެން ދިއުމަކީ ވަޢުދު ފުއްދަވަމުން ގެންދަވާކަން ހާމަކޮށްދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ފޭދޫގައި ޤާއިމުކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމެކެވެ. ށ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން މިހާތަނަށް ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ބެހެއްޓުމެވެ.