ޚަބަރު

ކުރީގެ ރައީސުން މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި


  • އުއްމީދުތަކުގައި ކުލަޖައްސައިދިނުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އަސާސެއް ކަމަށް ވިދާޅުވި

  • ޑިމޮކްރަސީ ހަރުދަނާވެ ކުރިއަރުވާނެ ކަމަށް އުއްމީދުކުރައްވާކަމަށް ޑރ.ވަހީދު ވިދާޅުވި

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ކުރީގެ ރައީސުން ތަހުނިޔާ ފޮނުއްވައިފިއެވެ.

މިނިވަން ދުވަހާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ. އެ މެސެޖުގައި ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް، އުއްމީދުތަކުގައި ކުލަޖައްސައިދިނުމަކީ ޤައުމީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސްވަނީ، ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހިންނަށް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީގެއިތުރުން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު އިބްރާހިމް ވަނީ، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނު އެކްސްގައި ހިއްސާކުރައްވާފައިވާ މެސެޖުގައި ރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު، ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތްކަން ޔަޤީންކޮށްދެއްވި ކާބަފައިންގެ ހަނދާން އައި ކުރާކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެ، މިނިވަންކަމާއިއެކު އުޖާލާ މުސްތަޤުބަލެއް ޤާއިމްކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސުންގެ އިތުރުން ޕާޓީތަކުގެ އިސް ލީޑަރުންނާއި، ދައުލަތުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ދަނީ، އެ ބޭފުޅުންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ، މިނިވަން ދުވަހުގެ ހެޔޮއެދުންތައް ދިވެހި އެންމެހައި ރައްޔިތުންނަށް ފޮނުއްވާފައެވެ.