ރާއްޖޭގެ ޗެމްޕިއަން މާޒިޔާ މޮޅުވިޔަ ނުދީ ހިފަހައްޓާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށް އެ ކުލަބުގެ ކޯޗު ފަރުހާދު އިސްމާއިލް (ފަރޭ) ބުނެފިއެވެ.
މާޒިޔާ އާއި އޮޑި ސްޕޯޓްސް ކުލަބުން ބުދަ ދުވަހުގެ ހަވީރު ކުޅުނު ލީގުބުރުގެ ފަހު މެޗަށްފަހު ޕީއެސްއެމްނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފަރޭ ބުނީ މާޒިޔާ މެޗަށް ނިކުތީ ކުރީ މެޗުގެ ތަޖުރިބާއަށްފަހު ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ.
"މެޗާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. މާޒިޔާއަކީ ރާއްޖޭގެ ފަސްވަރަކަށް ހަވަރަކަށް އަހަރުގެ ޗެމްޕިއަން. އެމީހުން ބަލިކުރެވުނީމަ (އެއްވަރުކުރުވުމުން) ވަރަށް އުފާވޭ. އަޅުގަނޑުމެންގެ ހުރިހާ ކުޅުންތެރިން ދެއްކި ޕާފޮމެންސަށް" ފަރޭ ބުންޏެވެ.
ލީގު ކަޕްގައި މާޒިޔާ އާއި އޮޑި ބައްދަލުކުރި މެޗު ނިމުނީ ދެވަނަ ހާފްގެ އިތުރުވަގުތުގައި މާޒިޔާއަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑަކާއެކު 1-1 ކުން އެއްވަރުވެގެންނެވެ. ފަހަތުން އަރާ މާޒިޔާއިން އެއްވަރުކުރި ނަމަވެސް މެޗުގައި މޮޅަށް ކުޅެފައިވަނީ އޮޑިންނެވެ.
އޮޑިން ދެވަނަ ހާފުގައިވެސް މޮޅު ކުޅުމެއް ދެއްކިނަމަވެސް މާޒިޔާއަށް އޮޑީގެ މިސްރު ކުޅުންތެރިޔާ މާޒިޔާގެ އަލީ ފާސިރު (ސެންޓޭ)އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ މާޒިޔާއަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ސެންޓޭ ކާމިޔާބުކުރުމާއެކު މާޒިޔާ މެޗު ނިންމާލީ ޕޮއިޓް ތާވަލުގެ އެއްވަނަ ޔަގީންކުރުމަށްފަހުގައެވެ.
އެހެންނަމަވެސް އޮޑިން ގަބޫލުކުރާ ގޮތުގައި މި މެޗަކީ އޮޑިއަށް "ކާމިޔާބުކުރެވުނު" މެޗެކެވެ. އޮޑީގެ ކޯޗު ފަރޭ ބުނީ މާޒިޔާ ކަހަލަ މޮޅު ކުޅުންތެރިން ތިބި ރާއްޖޭގެ ޗެމްޕިއަން ޓީމު ބަލިކޮށްލެވުމަކީ އޮޑިއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
ފަރޭ ބުނީ "ނިއުރޭޑިއަންޓް އަތުން ބަލިވި ދުވަހު އަޒުމު ކަނޑައެޅިން އެބަޖެހެއޭ މިއަށްވުރެ ރަނގަޅުކުރަން. އަޅުގަނޑުމެން ކުޅުމުގެ ވައްޓަފާޅިވެސް އަދި ކޯޗިން ސްޓާފުން ވިސްނާފަ ފިޔަވަޅު އަޅައިގެން" މާޒިޔާ މެޗުގައި ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
ލީގު ކަޕް 2025 ގައި ދެން އެންމެ އަވަހަށް އޮޑިން ނިކުންނާނީ ސެމީ ފައިނަލްގައި ނިއުރޭޑިއަންޓާއި ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 28 ގައެވެ.