ޚަބަރު

ޖެނެރޭޝަނަލް ބޭން ގެނައުމަށް ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙު ރައީސް ތަސްދީޤުކުރައްވައިފި


  • މިއާއެކު 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާވާނެ

  • ވޭޕާއި އީ-ސިނގިރޭޓު އަތުލުމުގެ ބާރު ފުލުހުންނާއި ކަސްޓަމްސްއަށް ލިބޭނެ

  • ބިލަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެމްބަރުމަހުގެ 1ވަނަ ދުވަހުން ފެށިގެން

  • މަޖިލީހުން ބިލު ފާސްކުރެއްވީ މިމަހުގެ 13ވަނަ ދުވަހު

ވަކި އަހަރެއްގެ ފަހުން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރެއްވީ އެކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަރުމަވަންތަ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޞިއްޙީ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާންގެ އިތުރުން އެހެން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މަތީ ސާނަވީ ތަޢުލީމް ހާސިލްކުރާ ދަރިވަރުންހެ ތެރެެއިން 1 ޖެނުއަރީ 2007ގައި އުފަންވި ބައެއް ދަރިވަރުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ. މި ބިލު ދިރާސާކުރުމަށް މެންބަރުންގެ ތެރެއިން ނެންގެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީން ވަނީ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައެވެ. ކޮމިޓީން ފާސްކުރި ގޮތާ އެއްގޮތަށް މަޖިލީހުން ބިލު ފާސްކުރެއްވީ، މިމަހުގެ 13ވަނަ ދުވަހު ބޭއްވި 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30ވަނަ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ޖެނެރޭޝަނަލް ބޭން" އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

ޤާނޫނަށް ގެނެސްފައިވާ ބައެއް މުހިންމު އިސްލާޙުތައް:

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.

މި އިސްލާހުގައި ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނުއްވާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް އުފައްދަން ހާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށް ލިބިގެންދާނެއެވެ.

ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަނަލް ބޭނެއް ގެނައުމަށް ނިންމާފައިވާއިރު ބިލު ފާސްވުމަށްފަހު އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އެގޮތުން ބިލު ފާސްވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.

ދުންފަތާ ދުރުހެލި ކުރުވަން ޖެނެރޭޝަނަލް ބޭންއެއް ކަނޑައެޅުމާއި ގުޅޭ ޤާނޫނީ އިޖުރާއާތުތައް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާފައިވަނީ އެކަމާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިޔާ ސޯޝަލް މީޑިއާގައި ކުރިއަށްގެންދެވި ޕޯލެއްގެ ނަތީޖާއަށް ބެއްލެވުމަށްފަހުއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިންވެސް ވަނީ މަރުހަބާ ކިޔާ، ތަޢުރީފުކުރައްވާފައެވެ. އެގޮތުން މިއީ އެމަނިކުފާނުގެ ސަރުކާރުން އެޅުއްވި ހިތްވަރުގަދަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމަކުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރުކަންވެސް ޑަބްލިޔުއެޗްއޯއިން ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ ރާއްޖޭގެ ޒުވާން ޖީލު ދުންފަތާ ދުރުހެލިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ، ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް އަރުވާ ޚާއްސަ އެވޯޑްވެސް އެމަނިކުފާނަށް ދާދިފަހުން ވަނީ ލިބިވަޑައިގެންފައެވެ.