ޚަބަރު

މޯލްޓާއާއި ކަޒަކިސްތާނުން ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް 100 އަށްވުރެ ގިނަ ފުރުޞަތު


  • ކަޒަކިސްތާނުން ސްކޮލަރޝިޕްތަކަށް މިމަހުގެ 30ގެ ކުރިން އެޕްލިކޭޝަން ހުށައަޅަންޖެހޭނެ

  • މޯލްޓާ ސްކޮލަރޝިޕްތަކަށް ޖޫން 2ގެ ކުރިން އެޕްލިކޭޝަން ހުށައަޅަންޖެހޭނެ

މޯލްޓާއާއި ކަޒަކިސްތާނުގެ ޔުނިވަރސިޓީތަކުން ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް 100 އަށްވުރެ ގިނަ ފުރުޞަތަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރަައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކަޒަކިސްތާންގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރު ޤަޢުމުތަކުގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި ސްކޮލަރޝިޕްތަކުގެ ތެރެއިން ދިވެހިންނަށް 100 ފުރުޞަތަށް އެދި ހުށައަޅަން މިހާރު ހުޅުވާލާފައިވާކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަންތައް ހުށައަޅަންޖެހޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޓާގެ ޔުނިވަރސިޓީތަކުން މާސްޓަރސް އަދި ޕީ.އެޗް.ޑީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލާފައިވާކަމަށްވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށައަޅަންޖެހޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ތަނެއްކަން ކަށަވަރުކުރަންވާނެ ކަމަށެވެ. އަދި ކިޔަވާ ދާއިރާއަކީ އެ ދާއިރާއާ ގުޅޭ ރާއްޖޭގެ އިދާރާއިން ޤަބޫލުކުރާ މަތީ ތަޢުލީމުދޭ މަރުކަޒުން ކިޔަވާ ތަނެއްކަން ކަށަވަރުކުރުމަކީ ދަރިވަރުގެ ޒިންމާއެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.