ޚަބަރު

ލާޒިއޯއާ އެއްވަރުވެ އިންޓަރ މިލާނުން ފުރުސަތު ނަގާލައިފި


އިޓާލިއަން ލީގުގެ އެއްވަނަ މަގާމު ހޯދުމަށް އިންޓަރ މިލާނަށް ލިބުނު ފުރުސަތު އެ ޓީމުން ނަގާލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ލާޒިއޯ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އިން ލާޒިއޯ އިން އެއްވަރުކޮށްފައިވާއިރު އިންޓަރ މިލާނާއި ވާދަވެރި ނަޕޮލީ ޕާމާ އާއި ދެކޮޅަށް ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

މި ނަތީޖާ އާއިއެކު އިންޓަރ މިލާނަށް 37 މެޗުން ލިބިފައިވަނީ 78 ޕޮއިންޓެވެ. އަދި އެއްވަނައިގައި މިވަގުތު އޮތް ނަޕޮލީ އަށް ލިބިފައިވަނީ 79 ޕޮއިންޓެވެ. އެހެންކަމުން ސެރިއާގެ ޗެމްޕިއަންކަން ކަނޑައެޅިގެންދާނީ އަންނަ ހަފްތާގައި ކުޅޭ ލީގުގެ ފަހު މެޗުގަ އެވެ.

އަންނަ އާދީއްތަ ދުވަހު ކޯމޯ އާއި ދެކޮޅަށް އިންޓަރ މިލާން ކުޅޭއިރު ނަޕޮލީ ނިކުންނާނީ ކަގްލިއާރީ އާއި ދެކޮޅަށެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ އިންޓަރ މިލާނުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔޭން ބިޝޭކް ވަނީ ލަނޑެއް ޖަހާ އިންޓަރ މިލާނަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް 72 ވަނަ މިނިޓުގައި ބާސެލޯނާ އާއި ޗެލްސީގެ ކުރީގެ މީޑްފީލްޑަރ ޕެޑްރޯ ވަނީ ލާޒިޔޯ އަށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް އިންޓަރ މިލާނުން ކުރި ހޯދާފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި ޑެނިއަލް ޑަމްފްރައިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އިންޓަރ މިލާނަށް މި މެޗުން ތިން ޕޮއިންޓް ގެއްލިފައިވަނީ މެޗުގެ ފަހު މިނިޓުގައި ލާޒިއޯ އަށް ލިބުނު ޕެނަލްޓީ އަކުން ޕެޑްރޯ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކުރުމާއި ގުޅިގެންނެވެ.