ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުކަމަށެވެ.
ޑްގަރް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ / މާލެ، ޙަސަން ނިމާލު (44އ) އާއި ހ. ރީފްވިޔު ހުޅަނގުބައި 3 / މާލެ، ޝިފާނާ ޢަބްދުއްސައްތާރު (38އ) އެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި، މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ދެތަން ބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7000 އަށްވުރެ ގިނަ ރުފިޔާއާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ވިދާޅުވިއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.