ޚަބަރު

ނޭކުރެންދޫ ބަނދަރާއެކު ލަފާފުރުމުގެ މައްސަލައަށް ހައްލެއް އަންނާނެ


  • މުޅި މަޝްރޫޢުގެ %31 މަސައްކަތް ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ދުވާރުގެ މަސައްކަތް

  • މަސައްކަތް އަވަހަށް ނިމިގެންދިޔުމަކީ އެރަށުގެ ރައްޔިތުންގެ އުއްމީދެއް

ނޭކުރެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މުޅި މަޝްރޫޢުގެ މަސައްކަތުގެ %31 މަސައްކަތް ނިމިފައިވާކަމާށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އާބާދީގައި 1745 މީހުން ދިރިއުޅެމުން އަންނަ ހދ. ނޭކުރެންދޫ ބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމުމަށް ހަވާލުކުރިނަމަވެސް އަމަލީ މަސައްކަތް ފެށިގެން ދިޔައީ އޭގެ 10 މަސް ފަހުން 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. ލަފާފުރުމުގައި ގިނަ ދަތިތަކެއް އެރަށަށް ކުރިމަތިވެފައިވާއިރު، ބަނދަރުގެ މަސައްކަތް އަވަހަށް ނިމިގެންދިޔުމަކީ އެރަށުގެ ރައްޔިތުން ކުރާ އުއްމީދެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ ސިރާޖް ވިދާޅުވީ، ބަނދަރުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށްނުދާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބައޮތް ކަމަށެވެ. މިގޮތުން މިހާރުވެސް ލަފާފުރުމުގައި އާންމުންނަށް ބޮޑެތި ތަކުލީފަކަށް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ރަށުގައި މާލެ ދަތުރުކުރާ 2 ބޯޓު އޮންނައިރު، އެދެބޯޓު ފަޅުގައި އަޅާފައި އިތުރު އުޅަނދެއް ފަޅުތެރޭގައި ބޭއްވުމަކީ ކުރެވޭކަމެއް ނޫންކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މީގެ އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވަނީ އާރްޓީއެލް ފެރީއިން ދަތުރުކުރާ ފަރާތްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ބަނދަރުގެ ބޭރު ތޮށި ހަލާކުވެ ބޭރުތޮށިމަތިން ލޮނު ފަޅުތެރެއަށް ވައްދާކަމުގެ ކަންބޮޑުވުންވެސް ކައުންސިލުންވަނީ ފާޅުކޮށްފައެވެ.


ނޭކުރެންދޫއަކީ އަތޮޅުގެ އެހެން ރަށްރަށުންވެސް ގިނަ ބަޔަކު ދަތުރުކުރާ ރަށެކެވެ. ހަމައެއާއެކު ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެރަށު ރައްޔިތުންނާއި ކައުންސިލް މަސައްކަތް ކުރަމުންދާއިރު އެކަމަށްވެސް އެންމެ ބޮޑު ބާރަކީ ރަށުގެ ބަނދަރުގެ މައްސަލަކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންކަމުން ނޭކުރެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ނިމިގެންދިޔުމަކީ އެރަށަށް އިޤްތިޞާދީ ނަފާ ލިބޭނެ މަޝްރޫޢެއްކަން ކައުންސިލުން ފާހަގަކުރައްވައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ހިނގާ ދުވާރުގެ މަސައްކަތްކަމަށެވެ.

ދައުލަތުގެ ބަޖެޓުން 48 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ނޭކުރެންދޫގައި 212 މީޓަރުގެ އެއްގަމު ތޮއްޓަކާއި، 166 މީޓަރުގެ ރިވެޓްމަންޓަކާއި ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުމާއި ރޭމްޕެއް ހެދުމަށްވަނީ ހަމަޖެހިފައެވެ.