ކުޅިވަރު

މަހިބަދޫ ބަލިކޮށް ޓީސީ ސެމީއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މަހިބަދޫ ސްޕޯޓްސް ކުލަބު ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޓީސީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިމޮޅާއެކު ލީގުބުރުގެ ހުރިހާ މެޗެއް ޓީސީއަށް ނިމުނުއިރު އެޓީމުން ވަނީ 4 ޕޮއިންޓް ހޯދާފައެވެ. މެޗުން މަހިބަދޫ ބަލިވި ނަމަވެސް ނިއުރޭޑިއަންޓާ ވާދަކުރާ ފަހު މެޗުގައި އެޓީމަށް އަދި ހަނި ފުރުސަތެއް އެބައޮތެވެ.

މި މެޗުގެ ވަރަށް ކުރީ ކޮޅު ޓީސީ ވަނީ ލީޑް ނަގަފާއެވެ. މެޗުގެ 10 ވަނަ މިނިޓުގައި މި ލަނޑު ޓީސީއަށް ކާމިޔާބުކޮއްދިނީ ލިބުނު ކޯނަރަކުން މާއިޒް ވަހީދެވެ. މި ލަނޑަށްފަހު މަހިބަދޫ ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮއްފައެވެ.

އެހެން ނަމަވެސް ދެންވެސް ފެނިގެންދިޔައީ ޓީސީގެ ނުރައްކާތެރި ހަމަލާއެކެވެ. މެޗުގެ 17 ވަނަ މިނިޓުގައި ޓީސީގެ ޒަޔާން ނަސީރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މަހިބަދޫއިން ހަމަލާތައް އިތުރު ކުރަމުން ދިޔައިރު ޓީސީގެ ފަރާތުން ފެނިގެންދިޔައީ ދަށްކުޅުމެކެވެ. މެޗުގެ 58 ވަނަ މިނިޓުގައި މަހިބަދޫގެ އާދަމް ފަހުމާން ފޮނުވާލި ހަމަލާއެއް ޓީސީ ޑިފެންޑަރ މުހައްމަދު ފާލިލް ފާއިގް ވަނީ އޭރިޔާތެރެއިން ދިފާއުކޮއްފައެވެ. މި ބޯޅަ އޭނަ ދިފާއު ކުރިއިރު ޓީސީގެ ޕެނެލްޓީ އޭރިޔާތެރޭގަ ހުރީ އެޓީމުގެ ކީޕަރު ސުޖަން ޕެރޭރާ އެކަންޏެވެ.

މެޗުގެ 76 ވަނަ މިނިޓުގައި ޓީސީގެ އަހުމަދު މާއިޝް ރަޝީދު ހުސްކޮށްހުރެފަ ފޮނުވާލި ބޯޅައެއް މަހިބަދޫގެ ކީޕަރު އަހުމަދު ނައުފަލް ވަނީ ދިފާއުކޮއްފައެވެ. މަހިބަދޫއަށް ނަތީޖާ އެއްވަރުކޮއްދިނީ މެޗުގެ 82 ވަނަ މިނިޓުގައި ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲއެވެ.

މި ލަނޑަށްފަހު ޓީސީ ޕްރެޝަރުގައި ކުޅެ ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ އެންމެ ފަހު މިނިޓުގައި ހުސްކޮށް ހުރެ އޭރިޔާ ތެރެއިން ދެވަނަ ހާފުގައި ކުޅެން ނުކިތް އަބްދުﷲ ރިޒާން މުހައްމަދު ކާމިޔާބުކުރި ލަނޑުންނެވެ.