މިއަހަރުގެ ފުރަތަމަ 14 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 1.9 ބިލިޔަން ރުފިޔާ އިތުރު ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 14.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 12.3 ބިލިޔަން ރުފިޔާގައެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 14 ހަފްތާގެތެރޭ އާމްދަނީގެގޮތުގައި ލިބިފައިވާ 14.2 ބިލިޔަން ރުފިޔާގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 11 ބިލިޔަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3 ބިލިޔަން ރުފިޔާއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 83.8 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ.
މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ހުރީ 12.3 ބިލިޔަންގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު % 21.6ދަށް އަދަދެއް ކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހުރީ 1.2 ބިލިޔަނުގައެވެ.
މިއަހަރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ދައުލަތުން ކުރި ހަރަދުގެ އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ 11.2 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދުތަކަށް 1 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުން ދައްކައެވެ.