ޚަބަރު

ކަސެމީރޯ ކުޅުނު ފުރަތަމަ މެޗު އިންޓަރ މައޭމީ ކާމިޔާބު ކޮށްފި


  • އިންޓަރ އިން މޮންޓްރިއާލްގެ މައްޗަށް ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުން

އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ އިންޓަރ މައޭމީއަށް ބްރެޒިލްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ކަސެމީރޯ ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބު ކޮށްފިއެވެ.

އިންޓަރ އާއި ސީއެފް މޮންޓްރިއާލް ބައްދަލުކުރި މެޗު އިންޓަރއިން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދާދިފަހުން ފްރީ އެޖެންޓެއްގެ ގޮތުގައި އިންޓަރ އަށް ސޮއި ކޮށްފައިވާ ކަސެމީރޯ ވަނީ މިމެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅަފައެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުގެ ހަމައެކަނި ލަނޑު އިންޓަރ އިން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ. މިޕެނަލްޓީ ލިބިފައިވަނީ އިންޓަރގެ ޖަރމަން ބަރޓެރާމެ ބޯޅައެއް ބޮލުން ޖަހަން އުޅުމުގެ ތެރޭގައި މޮންޓްރިއާލްގެ ޑިފެންޑަރ އެފްރެއިން މޮރާލޭސް ބޯޅަ ހޯދުމަށް އުޅުމުގެ ތެރޭގައި ކުރި ފައުލަކާއި ގުޅިގެންނެވެ.

މިހާދިސާގައި ބަރޓެރާމެ ދަނޑު މައްޗަށް ވެއްޓި އޭނާއަށް 11 މިނެޓްވަންދެން ފަރުވާދިނުމަށްފަހުވަނީ އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިހާދިސާއަށްފަހު ކުޅުން އަލުން ފެށުމާއެކު އިންޓަރގެ ލުއިސް ސުވަރޭޒްވަނީ އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް އެޓީމަށް ލީޑު ނަގައިދީފައެވެ. މިއީ މިސީޒަންގައި ސުވަރޭޒް ކާމިޔާބު ކުރި ނުވަވަނަ ލަނޑެވެ. އަދި އިންޓަރއިން ޖެހިޖެހިގެން ކާމިޔާބު ކުރި 6 ވަނަ މެޗެވެ. ހަމައެއާއެކު ވޯލްޑް ކަޕަށްފަހު ޗުއްޓީ ހޭދަކުރަމުންދާ ކެޕްޓަން ލިއޮނެލް މެސީ ނެތި އެޓީމުން ކުޅުނު ދެވަނަ މެޗެވެ.

މިކާމިޔާބީ އާއެކު އިންޓަރ މިހާރު އުޅެނީ 37 ޕޮއިންޓާއެކު އީސްޓަން ކޮންފަރެންސްގެ ދެވަނައިގައެވެ. އެއްވަނައިގާ އުޅެނީ 39 ޕޮއިންޓާއެކު ނޭޝްވިލް އެސްސީއެވެ.