ޚަބަރު

ސަޢޫދީ އަރާމްކޯއިން އެމެރިކާގެ ކުންފުނިތަކާ އެކު 90 ބިލިޔަން ޑޮލަރުގެ އެއްބަސްވުންތަކެއް


އެމެރިކާގެ ކުންފުނިތަކާ އެކު 90 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަން ސަޢޫދީ ޢަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސަޢޫދީ އަރާމްކޯން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ، އެމެރިކާގެ ކުންފުނިތަކާ އެކު ތަފާތު 34 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނެ ކަމުގައެވެ. އެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ސަޢޫދީ ޢަރަބިއްޔާގެ އިތުރުން ގަލްފުގެ އެހެން ދެ ޤައުމެއް ކަމުގައިވާ ޤަޠަރާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ވެސް ޓްރަމްޕް ވަނީ ވަޑައިގަންނަވާފައެވެ.

90 ބިލިޔަން ޑޮލަރުގެ އަގުހުރި 34 އެއްބަސްވުމެއްގައި އެމެރިކާގެ ކުންފުނިތަކާ އެކު ސޮއިކޮށްފައިވާ ކަން ސަޢޫދީ އަރާމްކޯން ހާމަކޮށްފައި މި ވަނީ، އެމެރިކާގައި 600 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް ނިންމާފައިވާ ކަން ސަޢޫދީ ސަރުކާރުން ހާމަކުރިތާ އެއް ދުވަސް ފަހުންނެވެ. އެ ކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ޓްރަމްޕާއި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ. ޓްރަމްޕްގެ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ.

ސަޢޫދީ އަރާމްކޯން ބުނީ، އަލަށް ސޮއި ކޮށްފައިވާ 34 އެއްބަސްވުން މި ވަގުތު އޮތީ ފުރަތަމަ މަރުޙަލާގައި ކަމުގައެވެ. އޭގެ ތެރެއިން ބައެއް އެއްބަސްވުންތަކުގެ އަގުތައް އެ ކުންފުނިން ހާމަކޮށްފައެއް ނެތެވެ. އަދި، ބައެއް އެއްބަސްވުންތަކުގެ މަޢުލޫމާތު ކުރިން ހާމަކޮށްފައިވެއެވެ. ކުރިން މަޢުލޫމާތު ހާމަކޮށްފައިވާ އެއް އެއްބަސްވުމަކީ، އަރާމްކޯއާއި އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ނެކްސްޓްޑެކޭޑާ އެކު ހަދާފައިވާ 20 އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެއީ، 1.2 މިލިޔަން ޓަނުގެ 'ލިކުއިފައިޑް ނެޗަރަލް ގޭހުގެ' (އެލްއެންޖީ)ގެ ވިޔަފާރިއާ ގުޅޭ އެއްބަސްވުމެކެވެ.

އެމެރިކާއާ އެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި މި ވަނީ، ހަކަތައިގެ ދާއިރާއިން އެހެން ޤައުމުތަކާ އެކު ގުޅުންތައް ހަރުދަނާ ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އިޢުލާނު ކުރައްވާފައިވާ 2030ގެ ތަސައްވުރުގެ ދަށުން ސަޢޫދީ ޢަރަބިއްޔާއިން ތެލުގެ ވިޔަފާރިއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސިނާޢީ އަދި ޓެކްނޮލޮޖީގެ ދާއިރާތައް ފުޅާ ކުރުން ހިމެނެއެވެ.

"އެމެރިކާއަކީ އަޅުގަނޑުމެން އިންވެސްޓު ކުރަން ރަނގަޅު ޤައުމެއް،" އަރާމްކޯގެ ސީއީއޯ އަމީން ނާޞިރު ވިދާޅުވިއެވެ. ޓްރަމްޕް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ބޮޑު އިންވެސްޓްމެންޓް ފޯރަމެއް ވެސް ވަނީ ބާއްވާފައެވެ. ޓްރަމްޕްގެ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއަށް 142 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެއެވެ. އެއީ، އެމެރިކާއިން ބޭރު ޤައުމަކާ އެކު ދިފާޢީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ހަދާފައިވާ އެންމެ އަގުބޮޑު އެއްބަސްވުމުގެ ގޮތުގައި ވައިޓް ހައުސުން ސިފަކުރިއެވެ.