ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް، ސަމާލުވޭ!


  • ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ކޫއްޑޫއަށް

  • ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ، ބުދަ ދުވަހުގެ ފަހުން

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މިއަދުން ފެށިގެން ކުރިއަށްއޮތް 3 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރަނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެގޮތުން ހެނދުނު 7:00 އިން ފެށިގެން މެންދުރު 13:00 އަށް ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިހާރުވެސް ވަނީ ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގއ. ކޫއްޑޫއަށެވެ. ކޫއްޑޫއަށް 60.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް މެޓުން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ، އަންނަ ބުދަދުވަހުގެ ފަހުންކަމުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ހުޅަނގު މޫސުމުގައި ވިއްސާރަވެ، ވައި ގަދަވެ، އަދި ކަނޑު ގަދަވުމަކީ އާންމު ކަމެކެވެ. އެހެންކަމުން މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ. އެގޮތުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ މަޢުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.