ޚަބަރު

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލާނީ "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް: ވަޒީރު ޑރ. މުއްޠަލިބް


  • ތިނަދޫ ކައުންސިލުން އިޢުލާނުކުރީ ވުޒާރާއާއި މަޝްވަރާނުކޮށް

  • އެކަން ވުޒާރާއިން ހުއްޓުވީ އުސޫލުުން ބޭރުން އިޢުލާނުކުރުމުން

ތިނަދޫގައި ސަރުކާރުން ތަރައްޤީކުރާ 200 ހައުސިންގ ޔުނިޓް ލިބޭ މީހުން ހޮވުމަށް، އެ މަޝްރޫޢުއަށް ހައުސިން ސްކީމެއް ކަނޑައަޅާ "ހިޔާވެހި" ޕޯޓަލްގެ ތެރެއިން ކުރިމަތިލުމަށް ހުޅުވާލަން މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ތިނަދޫގައި އަޅާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢުއަކީ ސަރުކާރުން ހިންގަމުންދާ މަޝްރޫޢުއެއްކަމަށާއި އެމަޝްރޫގެ ދަށުން ތަރައްޤީކރާ ހައުސިންގ ޔުނިޓްތައް ދޫކުރާނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މިންގަނޑުތަކާއެއްގޮތަށްކަމަށެވެ.

ވަޒީރު ވިދާޅުވީ ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ތިނަދޫ ސިޓީ ކައުންސިލުން މިއަހަރުގެ ޖެނުއަރީ މަހު 29ވަނަ ދުވަހު އިޢުލާނުކުރީ، އެވުޒާރާއާ މަޝްވަރާވެސް ނުކޮށްކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހައުސިންގ ސްކީމްތަށް ދޭފަރާތްތައް ކަނޑައަޅާ މިންގަނޑުން އެކަން ކުރިއަށްގެންދިއުމަށް، ކައުންސިލުން ކުރި އިޢުލާނު ބާތިލުކުރަން އެންގުމުންވެސް އެކަން ތިނަދޫ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތް އުސޫލާ އެއްގޮތަށް ގެންދިއުމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭ މެދުވެރިކޮށްވެސް އެންގިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތް މިހާރު، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެދަށުން ކުރިއަށްގެންދަމުންދާކަމަށެވެ. އެކަމާ ގުޅޭ އުސޫލުތައް ހަދާ، ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ.

"މިއީ ސަރުކާރުގެ މަޝްރޫޢުއަކަށްވުމުން އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މިންގަނޑުން ގެންދަންވާނީ. މިނިސްޓްރީއިން މިހާރު މިދަނީ، މި ޕްރޮޖެކްޓްގެ ޔުނިޓްތައް ދޫކުރުމަށް ސްކީމެއް އެކުލަވާލާ، ސަރުކަރުގެ ހިޔާވަހި ޕޯޓަލްގެތެރެއިން އިޢުލާނުކުރުމަށް ތައްޔާރުވަމުން. އެކަމުގެ މަސައްކަތްތައް އެބަ ކުރިއަށްދޭ." ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ތިނަދޫގައި 200 ރޯހައުސް އެޅުމުގެ މަޝްރޫޢު ފެށީ 2022ވަނަ އަހަރުއެވެ. މިއީ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ. 700 އަކަފޫޓުގެ ޖާގައިގެ މި ރޯހައުސްތަކަކީ 2 ފަންގިފިލާގެ އިމާރާތްތަކެކެވެ.

ގދ. ތިނަދުއަކީ 7500އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.