އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް، އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް އަލުން ފަށައިފިއެވެ.
އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، މަޝްވަރާގެ ތެރެއިން ހައްލެއް ހޯދަން ބޭނުންވާ ކަމަށް އީރާނާއި އެމެރިކާއިން ވެސް ބުނަމުންދިޔަނަމަވެސް، މި މަޝްވަރާތަކުގެ ތެރެއިން ވެސް ދެ ފަރާތުން ވެސް ދޫދޭން ބޭނުންނުވާ ގިނަ ކަންކަން އެބަހުއްޓެވެ.
ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ތިން ފަހަރެއްގެ މަތިން މަޝްވަރާތައް ކުރެވިފައިވާއިރު، މި މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު މަސްކެޓުގައި ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
މި މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ.
ޢުމާނަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޢަރާޤިޖީ މީޑިޔާތަކަށް ވިދާޅުވީ، މިކަމުގައި އީރާނުން ބޭނުންވާ ގޮތް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަށާއި މި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ހާޞިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ވިޓްކޮފް ވިދާޅުވީ، އީރާނުން ނިޔުކްލިޔަރ ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރަން ފުރުޞަތު ނުދެވޭނެ ކަމަށެވެ.
އަދި މިއަދު ކުރެވޭ މަޝްވަރާތަކުން ހަރުދަނާ ނަތީޖާއެއް ނުނެރެވިއްޖެނަމަ، މި ކަމުގައި އިތުރު މަގެއް ޚިޔާރުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ރައްދުގައި ޢަރާޤިޖީ ވިދާޅުވީ، އީރާނަށް ލިބިފައިވާ ނިޔުކްލިޔަރ ހައްޤު ދޫކޮށްނުލާނެ ކަމަށާއި އޭގެތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުން ހިމެނޭ ކަމަށެވެ.
މަޝްވަރާތަކުން އެދެވޭ ޙައްލެއް ނުލިބިއްޖެނަމަ، އީރާނަށް ޙަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް، ސަޢޫދީ ޢަރަބިއްޔާ، ޤަތަރު އަދި އެކުވެރި އަރަބި އިމާރާތަށް ޓްރަމްޕް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާ އެކު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލިއެވެ. ނަމަވެސް، އެ އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ 2018ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ.
ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ނެތިކޮށްލަން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއަށް އިންތިހާއަށް ޕްރެޝަރު ކުރަމުންނެވެ.