"މޯލްޑިވްސް 2.0" ނުވަތަ ދިވެހި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ނިޒާމު އެއްކޮށް ބަދަލުކޮށް ހާމަކަންބޮޑު އަދި ހުރިހާ އެންމެންނަށް ބޭނުން ކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުލަތުގެ ޑިޖިޓަލައިޒް ކުރުމުގެ ތަޞައްވުރެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ވާހަކަ އެކި ސަރުކާރުތަކުގައި އެކި ފެންވަރުގައި ދައްކާފައި އެބަހުއްޓެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލައިޒް ކުރުމުގެ ވާހަކައެއް މިފަހުން އެންމެ ފުރަތަމަ ދެކެވުނީ ރައީސް ޔާމީންގެ ސަރުކާރުގައެވެ. އޭގެ ކުރިންވެސް މިމަސައްކަތުގެ ބިންގާ އެޅިފައިވެއެވެ. އެގޮތުން މިހާރު މިގެންގުޅޭ އީފާސްގެ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކި މަރުހަލާތަކުގައި އެ މަސައްކަތް ކުރެވި، މިހާރު މި ބޭނުން ކުރެވޭ ގޮތަށް އީފާސް ބޭނުން ކުރަން ފެށުނީ ނިމިދިޔަ ސަރުކާރުއެވެ. އޭރުވެސް މި ނިޒާމު ތަންފީޒުވާން އެންމެ ބޮޑު ބާރަކަށް ވެގެން ދިޔައީ ކޯވިޑު މަޖުބޫރީ ހާލަތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
ނަމަވެސް މިމަސައްކަތަށް ދޭން ޖެހޭ އިސްކަމެއް ދެވިފައި ނެތުމާއި، އެކަށީގެންވާ ބަޖެޓަކާއި ޤާނޫނީ އޮނިގަނޑު ނެތި، މީގެ ހަޤީޤީ މަޤްޞަދު ހާސިލެއް ނުވެއެވެ. މީގެ އެއް މިސާލަކީ ސަރުކާރުގެ ޚިދުމަތްތައް އެއް މަންސައަކުން ލިބޭ ގޮތަށް ފަރުމާ ކުރެވުނު ވަން ގަވް ނިޒާމެވެ. ސަރުކާރުގެ އިދާރާތަކުން ދޭ ޚިދުމަތްތައް އެއްތަނަކުން ލިބޭ ގޮތަށް ފަރުމާކުރެވުނު، މި ނިޒާމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ނިޒާމު ބޭނުން ކުރަން އެއްވެސް ވަރަކަށް ބާރުއެޅިފައި ނެތުމެވެ. އޭގެ ސަބަބުން އިދާރާތަކުން ވަން ގަވް އާއި ގުޅުން އޮތީ އިޙްތިޔާރީ ކަމަކަށް ވެފައެވެ.
ރާއްޖެ މިހާރުގެ ޑިޖިޓަލައިޒް ކުރެވިފައިވާ މިންވަރަށް ބަލާއިރު، ހުރީ ވަކި އިދާރާތަކުން އޮންލައިންކޮށް ދޭ ވަކިވަކި ޚިދުމަތްތަކެވެ. ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުން ރައްޔިތުން ޚިދުމަތް ދިނުމާއި އެކި ބޭނުންތަކުގައި 200 އަށް ވުރެ ގިނަ ޕޯޓަލް އެކި ނަންނަމުގައި ހަދާފައިވެއެވެ. މި ޕޯޓަލްތަކަކީ އެކި ފެންވަރުގައި ހަދާފައިވާ ޕޯޓަލްތަކަކެވެ. ބައެއް ޕޯޓަލް މަސައްކަތް ކުރަނީ އޮފީސް ގަޑިތަކުގައެވެ. އަނެއް ބައި ޕޯޓަލް ތަކަކީ ޕޯޓަލް ހެދި ބޭނުން ގެއްލި، މިހާރު އެއްގޮތަކަށްވެސް ބޭނުންނުކޮށް ދޫކޮށްލެވިފައިވާ ޕޯޓަލްތަކެވެ.
ޕޯޓަލް ހަދާފައިވުމުގެ ހަޤީޤީ ބޭނުން ގެއްލޭ ގޮތަށްވެސް އިދާރާތަކުގެ ޕޯޓަލްތައް އެބަހުއްޓެވެ. އެގޮތުން މިހާރުވެސް އިދާރާތަކަށް ފުރާފައި ދޭ ފޯމު، އެއިން ގޮތަށް އަމިއްލައަށް ޕްރިންޓްކޮށް އައިޑީ ކޮޕީއާއި އެކު ޕޯޓަލްއަށް އަޕްލޯޑު ކުރާ ގޮތަށް ޕޯޓަލްތައް އެބަހުއްޓެވެ. މިކަމާއި އެއިދާރާއަށް ހަމަ ލިއެކިއުންތައް މެއިލް ކުރުމެކޭ މާބޮޑު ތަފާތެއް ރައްޔިތު މީހާއަށް ނުފެނެވެ. އެ ފޯމުތަކަށް ނުވަތަ ޚިދުމަތަކަށް ޖަވާބު ނުލިބިގެން ރައްޓެއްސެއް ނުވަތަ ދަންނަ މީހެއްގެ އެހީތެރިކަން ހޯދަން ޖެހޭ ގޮތަށް މުޅި ނިޒާމު މިހާރު އޮތީ ބައްޓަންވެފައެވެ.
ދެވަނަ މައްސަލައަކީ ދައުލަތުގެ އިދާރާތަކުގެ މެދުގައި އެކަށީގެންވާ މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ނެތުމެވެ. އައިޑީ ކާޑާއި އޭގައި ހުންނަ މައުލޫމާތަކީ ސަރުކާރު އިދާރާތަކުގައި ހުންނަ މައުލޫމާތުކަމުގައިވިއަސް، ޚިދުމަތެއް ބޭނުންވާ ކޮންމެ ފަހަރަކު އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ޖެހެއެވެ. ވަޒީފާއަކަށް ދިއުމުން، އެމީހަކާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކުގައި ހުރި މައުލޫމާތު ސާފުކޮށް އޭނާ މަސައްކަތް ކުރާ އިދާރާއަށް ހޯދައިދޭން ޖެހެނީވެސް އެމީހެކެވެ. އެކަމަށް އެތަކެއް ދުވަސް ހޭދަވެއެވެ. ސަރުކާރުން ހުޅުވާލާ ގެދޮރުވެރިކަމާއި އެހެނިހެން ފުރުސަތުތަކަށް ތަކުރާރުކޮށް އެއް މައުލޫމާތެއް ކޮންމެ ފަހަރަކު ދިގު ކިއުލައިންތަކުގައި ތިބެގެން ދޭން ޖެހެއެވެ. އޮންލައިކޮށް ދޭ މައުލޫމާތެއް ވިއްޔާ ދެވަނަ ސްކީމަކަށް އަލުން ހަމަ ހުރިހާ ލިއެކިއުންތައް އާކޮށް ހުށަހަޅަން ޖެހެއެވެ.
މޯލްޑިވްސް 2.0 އަކީ މިހުރިހާ މައްސަލަތަކުގެ ހައްލެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރުގެ ދަށުން ފަރުމާކުރެވޭ ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން އިދާރާތަކުގެ މަސައްކަތް އަވަސްކޮށް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ރައްކާތެރި ނިޒާމެއްގެ ތެރެއިން، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޮތް މިނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
"އަޅުގަނޑުމެންގެ މި ޤައުމުގައި މިހާރު މި، ދެންމެ ޕްރެޒެންޓޭޝަންގައި ދެއްކިގެންދިޔަ، އެކިކަހަލަ ސައިލޯ ކުރެވިފައި ހުރި ވަކިވަކި ނިޒާމުތައް އެބަހުރި އެކި ތަންތާނގައި. ބޭންކުގައިވެސް އެބަހުރި. އެކި މުއައްސަސާތަކުގައި އެބަހުރި. އެގޮތް ދޫކޮށްލައި، އެންމެން އެއް ވިއުގައަކަށް އައިސް، ރައްޔިތުން އަބަދު އެއް މަޢުލޫމާތެއް ޙިއްޞާކުރަން ނުޖެހި، ވަރަށް ސީމްލަސް ފަސޭހަ ނިޒާމެއްގެ ތެރެއިން މުޅި ޤައުމުގެ ޚިދުމަތް ދިނުން ގުޅުވައިލެވޭ ނިޒާމަކަށް ދާން. އެސްޓޯނިއާގައި އެކަން ހާސިލުކޮށްފައިވާ ގޮތަށް ކުރަން އަޅުގަނޑުމެން ދެ ޤައުމު ގުޅިގެން މަސައްކަތް މި ފެށީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަސައްކަތް ފެށުމަށް މުޅި ދައުލަތުގެ ހާލަތުވަނީ ވަރަށް ބޮޑަށް ބަލާ ދެނެގަނެވިފައެވެ. އަދި މިހާރު، ސަމިޓެއް ބާއްވާ ޑިޖިޓަލައިޒޭޝަން މަސައްކަތް ތަންފީޒު ކުރާނެ މަގުޗާޓެއް ދަނީ އެކުލަވާލަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒޭޝަން މަސައްކަތް ނިންމައި، މުޅި ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމެވެ.